އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލި.
އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ބޭރުގެ ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުންތަކަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުން ބުނެފައިވަނީ، އެ ޓީމަށް އަމާޒުކޮށް ލައިވް ވަޒަން ޖެހީ އިންޒާރު ދިނުމުގެ ގޮތުން ކަމަށެވެ. އެއީ ޑިޕްލޮމެޓުންނަށް ކަނޑައަޅާފައިވާ ސަރަހައްދުން ބޭރަށް ނުކުންނަށް މަސައްކަތް ކުރުމުން ކުރި ކަމެއް ކަމަށް އިޒްރޭލުގެ އިސްތިއުމާރީ ފައުޖުން ބުނެފައިވެ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ބޭރުގެ ޑިޕްލޮމެޓުންގެ ޓިމުގައި 20 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ތިއްބެވި އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު މި އަމަލަކީ ރާއްޖޭން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި އިޒްރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފުކަމެއް ކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތައް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އިޒްރޭލުގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
މި ހަމަލާގައި އެއްވެސް ޑިޕްލޮމެޓަކަށް ގެއްލުމެއް ލިބިފައިނުވިޔަސް، ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކުން ވެސް ވަނީ އިޒްރޭލުގެ މި އަމަލު ކުށްވެރިކޮށްފަ އެވެ.