ސެންޓަ އެންޓަޕްރައިސަސްއިން ކޯޓަށް ވަގު ލިޔުން ހުށަހެޅި މައްސަލަ ފުލުހަށް

އަދި މި މުއާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން، އޭޖީ އޮފީހުން ބުނި ގޮތުގައި، ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް --

ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭތީ، މި މައްސަލަ ތަހުގީގުކޮށްދޭން އެދި، ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސެންޓަ އެންޓަޕްރައިސަސްއިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައަކާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.

އެގޮތުން، ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެ ކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނާ މުއާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައި ދިނުމަށް، މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި މި މުއާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން، އޭޖީ އޮފީހުން ބުނި ގޮތުގައި، ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

މީގެއިތުރުން، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރުކޮށް ދިނުމަށް މި އޮފީހުން އެދުމުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ ހާއްސަ އޮޑިޓްގައި އެ އޮފީހަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ރާއްޖެއަށް އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމާއި، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް އޮޑިޓު އޮފީހުން ލަފާދީފައިވާ ކަމަށެވެ.

"އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއްކުރުން މުހިއްމު ކަމަށް މި އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މި އޮފީހުން ވާނީ އެދިފަ އެވެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.