އީދުގައި ފަރާޚާން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ރިސޯޓްތަކާއި ރަށްރަށުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދާ ގޮތް ޑޮކިއުމެންޓް ކުރާނެ އެވެ.
އީދު ނޫން އެހެން ފެސްޓިވަލްތައް ދުނިޔޭގައި ޕްރޮމޯޓް ކުރެ އެވެ. އެކަމަކު ރާއްޖޭގެ އީދު "ފެސްޓިވަލް" އެއްގެ ގޮތުގައި އީދު ކުޅިވަރުތައް ދުނިޔެއަކަށް ނުފެނެ އެވެ. އެމްއެމްޕީއާރުސީ އިން މިވަނީ މިކަން ބަދަލުކޮށްލައި ރާއްޖޭގެ އީދު ފާހަގަކުރާ ގޮތް އިންޑިއާގެ މާކެޓަށް ކިޔައިދޭން ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް މޫނު ކަމަށްވާ ފިލްމީ ޑައިރެކްޓަރު، ޕްރޮޑިއުސަރު، އަދި ކޯރިއޮގްރާފަރު ފަރާ ޚާން ރާއްޖެ ގެންނަން ނިންމާފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އަންނަ މަހުގެ 8-5 ގެ ނިޔަލަށް ފަރާޚާން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެކި ރަށްރަށުގައި އީދު ކުޅިވަރު ފާހަގަ ކުރަން ކުރާ ކަންކަމާއި އީދު ފާހަގަ ކުރުން އޮންނަ ގޮތް ޑޮކިއުމެންޓް ކުރާނެ އެވެ. އެ ކުންފުނިން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި އެކަމަށް ޝައުގުވެރިވާ ރަށްރަށަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފަ އެވެ.
ބޮލީވުޑްގެ އެންމެ އައިކޮނިކް ބައެއް ޑާންސް ސީކުއެންސްތައް ކޯރިއޮގްރާފްކޮށް، ހިޓް ފިލްމުތަކެއް ޑައިރެކްޓްކޮށް މަޝްހޫރު މިސް ފަރާ ޚާންއަކީ ސޯޝަލް މީޑިއާގައި 13 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ފަންނާނެކެވެ. އޭނާގެ ނުފޫޒުގެ ސަބަބުން ޚާއްސަކޮށް އިންޑިއާ އާއި ދެކުނު އޭޝިއާގެ ދަތުރުވެރިންގެ މެދުގައި މަގުބޫލުކަން ބޮޑެވެ.
އެމްއެމްޕީއާރުސީން ވަނީ ކުރިން ރާއްޖެ އިސްތިހާރު ކުރަމުން ދިޔަ ގޮތް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާއި ވައްޓަފާޅި ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރަން ފަށާފަ އެވެ. މިގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކްލަބް ކަމަށްވާ ލިވަޕޫލްގެ ކުޅުންތެރިނާއެކު ވެސް ވަރަށް އަވަހަށް ބޮޑު ކެމްޕޭނެއް ފަށާނެ އެވެ.