މުލީ އެއާޕޯޓު ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު އެވެ. ނަމަވެސް މަޝްރޫއު ނިމިގެން މިދިޔައީ 11 އަހަރު ފަހުންނެވެ.
މުލީ އެއާޕޯޓު ނުވަތަ "މީމު އެއާޕޯޓް" ގެ ބިން ހިއްކަން ފެށުނީ 2014 ވަނަ އަހަރު ކަަމަށާ މިތަން ހުޅުވުމާ ހަމައަށް 540 މިލިއަން ރުފިޔާ ހަރަދުވިކަން ހާމަކޮށްފި އެވެ.
މިކަން ހާމަކުރީ މުލީ އެއާޕޯޓް ހުޅުވަން އެ ރަށުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
ހައުސިން މިނިސްޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސް މަގާމުތަކެއް ފުރުއްވި މިހާރުގެ މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މުލީ އެއާޕޯޓަކީ 2014 ވަނަ އަހަރު މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ހައުސިން މނިސްޓަރު ކަމުހގައި ބިން ހިއްކަން ފެށި މަޝްރޫއެއް ކަމަށާ މި މަޝްރޫއު ނިމި އެއާޕޯޓު ހުޅުވިގެން ގޮސްފައި މިވަނީ 11 އަހަރު ފަހުން ކަމަށެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު އެއާޕޯޓް މަޝްރޫއުގައި ބޮޑު ވޭރިއަޝަނެއް އޮތް. އޮތީ ހުއްޓިފަ. އެހެން އޮއްވައި އެމްޓީސީސީގެ ބުރަ މަސައްކަތުން 18 މަސް ދުވަހުން މި ހުޅުވިގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވަނީ އާބާދީ އާއި ތަރައްގީ އެއްފަސް ކުރަން އަތޮޅު ދޫކޮށް އެހެން ހިސާބުތަކަށް ރައްޔިތުން ނުދާން އެދިފަ އެވެ. މީގެ ބަދަލުގައި މުލި ފަދަ ބޮޑެތި ރަށްތަކަށ އަތޮޅުގެ މީހުން ހިޖުރަކުރަން ގޮވާލެއްވި އެވެ.
"މިއީ ތަރައްގީ ގެނެވެން އޮތް އަތޮޅެއް. މިއީ ތަރައްގީ ގެނެވޭ ފަދަ ގުދުރަތީ ރީތިކަން ހުރި އަތޮޅެއް. އެހެންކަމުން މި އަތޮޅު ތަރައްގީ ވެގެންދާއިރު މި އަތޮޅުގެ ރައްޔިތުން ތިބުން މުހިންމު." މުއްތޮލިބު ވިދާޅުވި އެވެ.
މުލީ އެއާޕޯޓްއަކީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،500 މީޓަރު ފުޅާ 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 300 މިލިއަން ރުފިޔާ ހޭދުކުރި އެވެ، މި އެއާޕޯޓުގައި ހަދާފައިވަނީ އެއްފަހަރާ 1500 މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލް އެކެވެ.