ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކުރާނެކަމުގެ ޔަގީންކަން

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ދިވެހި ކެއުޅުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ކެއުޅުންގެ ފަރާތުން އެދެމުންދާ ގޮތަށް، ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު ދިވެހި ކެއުޅުންނާ ބައްދަލުކޮށްފައިވާއިރު، މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެ ކަންކަން ރައީސް ކޮށްދެއްވަމުން ގެންދަވާތީ ޝުކުރު އަދާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން، 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެއުޅުން ފާހަގަކުރިކަމަށް ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ، މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދެއްވުމަށެވެ. 

އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދިނުމަށް ވެސް އެދުނެވެ. މީގެ އިތުރުން މަސް ކަނދުފައްޗާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސްގެ އަރިހުން ކެއުޅުން އެދުނުކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ބުންޏެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. 

ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވި އެވެ. 

ދުނިޔޭގެ ބާޒާރުގައި ހުރި އަގަށް ވުރެ ބޮޑުކޮށް، ކުރީގެ ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު 25ރ. އަށް ބަދަލު ކުރުމުގެ ސަބަބުން، މި ސަރުކާރު އައި އިރު، 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތެވެ. 

މި ސަރުކާރުން ވަނީ މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށް، ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.