ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭ ކުޅިވަރު ބިލު ތަސްދީގުކުރައްވައިފި

މި ބިލު ތަސްދީގު ވެގެން ދިއުމާއެކު ސްޕޯޓްސް ކޯޕަރޭޝަން ކުންފުނި ވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފުންގެ ވަޒީފާތައް ނުގެއްލޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުޅިވަރުގެ ބިލު ތަސްދީގު ކުރައްވަނީ --

ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭ ގޮތަށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވާފައި ވަނީ މިއަދު ލައިވްކޮށް ނޫސްވެރިންނާއެކު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ އެމަނިކުފާނު މިފަދަ ގޮތަކަށް ބިލެއް ތަސްދީގު ކުރެއްވި ފުރަތަމަ ފަހަރެވެ.

ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ ބިލުގައި ހުރި މުހިންމު ކަންކަން ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ބިލު ތަސްދީގު ކުރުމާއެކު ކުޅިވަރުގެ ދާއިރާއަށް އަންނާނެ ބޮޑެތި ބަދަލުތައް ހިއްސާކުރެއްވި އެވެ.

ރައީސް ފާހަގަކުރެއްވި ބިލުގައި ހުރި މުހިންމު ކަންކަން

  • 1.ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން ފުރުސަތުތައް ފަހިވުން
  • 2.ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމްކޮށް، ސަރަހައްދީ މުބާރާތްތައް ބޭއްވުން
  • 3.ކުޅިވަރުގެ ވަކި ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރުން
  • 4.ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ލިބިފައިވާ ތަނަކަށް ހެދުން
  • 5.މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން ހިނގާ ހާއްސަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން
  • 6.މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުން
  • 7.ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ގާއިމުކޮށް އަމަލުކުރަން ފެށުމަށް ކަނޑައެޅުން
  • 8.ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވުން
  • 9.ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމަށް ގާނޫނީ ހައިސިއްޔަތު ލިބިދިނުން
  • 10.ކުޅިވަރު ދާއިރާގެ އެކި މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް ފުށުނުއަރާ ގޮތަށް ހަމަޖެއްސުން
  • 11.ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ގިންތި ކުރުން

"އިރާދަކުރެއްވިއްޔާ މިއަދު މި އެޅެނީ ވަރަށް މުހިންމު ފިޔަވަޅެއް. މިއަދު މި ހުޅުވެނީ ވަރަށް މުހިންމު ސަފްހާއެއް ރާއްޖޭގެ ކުޅިވަރުގަ. އަޅުގަނޑުމެން އެންމެން، ހުރިހާ މުއައްސަސާތަކާ ހުރިހާ އެސޯސިއޭޝަންސްތަކާ، ކުޅިވަރުގެ ކޮމިއުނިޓީ ގުޅިގެން އިރާދަކުރެއްވިއްޔާ ރާއްޖޭގަ ކުޅިވަރު މުޅިން އާ ހަރުފަތަކަށް، ރަގަޅު މިސްރާބަށް ގެންދިއުމުގަ އެޅޭ މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

މި ބިލު ތަސްދީގު ވެގެން ދިއުމާއެކު ސްޕޯޓްސް ކޯޕަރޭޝަން ކުންފުނި ވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފުންގެ ވަޒީފާތައް ނުގެއްލޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މި ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.