އަލަށް ކުރާ ފޮރިން އިންވެސްޓްމަންޓްތަކުން ދެއްކި ފީ 12 ޕަސެންޓް މައްޗަށް

މިދިޔަ އަހަރުގެ ޖުލައިގެ މަހާ ހަމައަށް އެފްޑީއައި ރަޖިސްްޓްރީ ދައްކާ ގޮތުން ޓޫރިޒަމް ނޫން އެހެން ސިނާއަތްތަކަށް 16 އިންވެސްޓްމަންޓެއް އައިސްފައިވެ އެވެ.

މި ފަހުން އިއުލާނުކުރި ޔޫއޭއީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް

ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތްތަކުން ދައުލަތަށް ފީގެ ގޮތުގައި ދެއްކި މިންވަރު މިދިޔަ އަހަރަށްވުރެ 12 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ. 

މީރާގެ ރަސްމީ މައުލޫލާތުތައް ދައްކާ ގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ފީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 3.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 2.3 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 12 ޕަސެންޓުގެ އިތުރުވުމެކެވެ. 

ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ގިނައިން އަންނަނީ ޓޫރިޒަމް އިންވެސްޓްމަންޓްތަކެވެ. މިގޮތުން މީގެ އަހަރު ތަކެއް ކުރިން ކަމާގުޅޭ ގާނޫނު ތަކަށް ގެނައި އިސްލާހާ އެކު ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގިނަ ފުރުސަތުތަކެއް ފަހި ވެގެން ގޮސްފައިވެ އެވެ. މިގޮތުން މި އިސްލާހުގެ ދަށުން، މަތީ ފަންތީގެ ރިސޯޓުތަކުގައި މަދު ދުވަސްކޮޅެއް ޗުއްޓީ ހޭދަކޮށްލުމުގެ ބަދަލުގައި، މުއްސަނދި ޓޫރިސްޓުންނަށް ރާއްޖޭގައި ދެވަނަ ގެއެއް ބިނާ ކުރުމުގެ ދޮރު ހުޅުވުނީ އެވެ. މި ދޮރުން ވަދެ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް އިންވެސްޓްކޮށްފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމު ޔޫއޭއީއިންނެވެ. މި ގެނެވުނު ބަދަލާއެކު ހަމައެކަނި ރިސޯޓުތައް ތަރައްގީ ކުރުމުގެ ބަދަލުގައި މަތީ ފަންތީގެ ވިލާތައް ބިނާކޮށް މުއްސަނދިންނަށް އެ ވިލާތައް ވިއްކާލުމުގެ ފުރުސަތު ލިބުމާ އެކު، ޑިވަލޮޕަރުންގެ ސަމާލުކަން މުޅިން އާ މަގަކުން ރާއްޖެ އާ ދިމާއަށް ވަނީ އެނބުރިފަ އެވެ.

މިގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރަން، ޔޫއޭއީގެ ޑިވަލޮޕަރުން ރާއްޖޭގައި ތިން ބިލިއަން ޑޮލަރު އިންވެސްޓުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމްގެ ބައެއް މަސްދަރުތަކުން ބުނެ އެވެ. މި އަދަދު ކުރިއަށް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އިންވެސްޓު ކުރާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރަޖިސްޓްރީ އެންމެފަހުން އަޕްޑޭޓްކޮށްފައިވާ ޖުލައިގެ ނިޔަލަށް ބަލާނަމަ ޓޫރިޒަމް ނޫން އެހެން ސިނާއަތްތަކަށް 16 އިންވެސްޓްމަންޓެއް އައިސްފައިވެ އެވެ. މި އިންވެސްޓްމަންޓުތަކުގެ އަގު 55 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. ޓޫރިޒަމް ނޫން ސެކްޓާތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރި އާއި މި ނޫން ވެސް ވިޔަފާރިތައް ހިމެނެ އެވެ. އަދި ކޮންސްޓްރަކްޝަން އާއި ރިނިއުބަލް އެނާޖީ އަށް އައިސްފައިވާ އިންވެސްޓްމަންޓަކާއި ދަނޑުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ އިންވެސްޓްމަންޓު ތަކެއް ވެސް ހިމެނެ އެވެ.

އެފްޑީއައި ރަޖިސްޓްރީން އެނގޭ ގޮތުގައި ހިސާބުތައް ދައްކާ ގޮތުގައި 2013 އިން 2018 ގެ ނިޔަލަށް ފަސް އަހަރު ރާއްޖޭގައި 269 ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މި އިންވެސްޓްމަންޓުތަކުގެ ޖުމްލަ 6.5 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ރާއްޖޭގައިކޮށްފައިވާ ޓޫރިޒަމް ނޫން 122 އިންވެސްޓްމަންޓު ވެސް ހިމެނެ އެވެ. މި އިންވެސްޓްމަންޓުތަކުގެ އަގު ތިން ބިލިއަން ޑޮލަރަށްވުރެ މައްޗެވެ.

ސަރުކާރުން ދަނީ ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ގެންނަން ގާނޫނުތައް ފަހި ކުރަމުންނެވެ. މިގޮތުން ދާދިފަހުން ފޮރިން އިންވެސްޓްމަންޓް ގާނޫނެއްވެސް ހަދާފައިވެ އެވެ. މި ގާނޫނަށް އަަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. 

މި ގާނޫނުގައިވާ ގޮތުން އެފްޑީއައިއަކަށް ހުއްދަ ދެވޭނެ މަރުހަލާތައް

  •  ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ބޭރުގެ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުން
  •  ގާނޫނުގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
  •  ވިޔަފާރި ރަޖިސްޓަރީ ކުރުން
  •  ފޮރިން އިންވެސްޓްމަންޓް ލައިސަންސް މިނިސްޓްރީން ދޫކުރުން
  •  ފޮރިން އިންވެސްޓާއާ މިނިސްޓްރީއާ ދެމެދު ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖޭގައި އެންމެފަހުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ގަތަރު ޝާހީ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކުން 8.8 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމް ކުރަން ސަރުކާރާއެކު ކުރި ސޮޔެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.