މި ހަމަލާތަކަކީ، މިނިސްޓްރީން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި އަދި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެކެވެ.
ފަލަސްތީނުގެ ޣައްޒާގެ ސަރަހައްދުތައް އަތްދަށުލާން، އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މި ލާއިންސާނީ ޖަރީމާތައް ހުއްޓުވައިދޭން ރާއްޖޭން މުޅި ދުނިޔެއަށް ގޮވާލައިފި އެވެ.
އިޒްރޭލުން ޣައްޒާއަށް ދޭ އުދުވާނުތައް ފާއިތުވި ދުވަސްތަކުގައި އިތުރަށް ވަރުގަދަކޮށްފައިވާތީ، އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކުގައި މިއަދު އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ.
މި ހަމަލާތަކަކީ، މިނިސްޓްރީން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި އަދި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެކެވެ.
"އިޒްރޭލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމުގައި ދިވެހިރާއްޖޭން ދެކޭ ދެކުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އިޒްރޭލުން ގަތުލުއާންމެއް ހިންގަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު އެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,00 އަށް ވުރެ މައްޗަށް ވަނީ އުފުލިފަ އެވެ.
އަދި މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން، ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް ބަންދުކޮށްގެން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހައިހޫނުކަން ތަހައްމަލުކުރަން މަޖުބޫރުވެފައިވާ ކަމަށް އދ.އިން ވަނީ ބުނެފަ އެވެ.