މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

އެ މައްސަލައިގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސަށްފަހު، އެ މައްސަލަ ފާސްނުވީ، -- މެމްބަރުން އެ މައްސަލަ އާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ --

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މާލޭގެ އިމާރާތަކުން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅުވައި އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. 

އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލާގައިވާ ގޮތުން، އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި، އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލާގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާ ކަން އެ ކަންކަމުން ހާމަވާ ކަމަށާއި، އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ނަހަމަ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަން ކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

އެ މައްސަލައިގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސަށްފަހު، އެ މައްސަލަ ފާސްނުވީ، 54 މެމްބަރުން އެ މައްސަލަ އާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ. 

ތުހުމަތުތަކަށް އަމީން ވަކިވަކިން ޖަވާބު ދެއްވި

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޝުޖާއުއަށް އަމީން ގުޅުއްވީ، ތަހުގީގަށް ނުފޫޒު ފޯރުވަން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އަމީން މިއަދު ވަނީ ފުރަތަމަ ފަހަރަށް ޖަވާބު ދެއްވައިފަ އެވެ.

އަމީން ވިދާޅުވީ، މއ. މާންދޫގޭދެކުނުގެ އޭނާ އާއެކު ހިއްސާކުރާ އާއިލާގެ އަނެއް ތިން މެމްބަރުންނާ މަޝްވަރާކުރުމަށްފަހު، ޝުޖާއުއަށް ގުޅުއްވީ، ފުލުހުންގެ ތަހުގީގަށް ފަސޭހަކުރުމަށްޓަކައި ކޯޓު އަމުރެއް ފުލުހުން ހޯދަން ނުޖެހޭނެ ކަން ދަންނަވަން ކަމަށެވެ.

ނަމަވެސް، އެ ދުވަހު ޝުޖާއު ފޯނަށް ޖަވާބު ދެއްވާފައިނުވާ ކަމަށް އަމީން ވިދާޅުވި އެވެ. 

އަމީން މިއަދު ވިދާޅުވި ގޮތުގައި، އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރެވުނަސް އެ ފަދަ އެއްވެސް ނިންމުމެއް ތަހުގީގީ އިދާރާއަކުން ނިންމާފައިނުވެ އެވެ.

އެ ގެއަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ އިތުރު ތިން ބޭފުޅުންގެ ގެއެއް ކަމުން، އެ ގޭގައި ކުށެއް ކުރިޔަސް އެ ކަމުގެ ޒިންމާ ވަކި މަގާމެއްގައި ހުންނެވުމުގެ ސަބަބުން އޭނާ ނަގަން ނުޖެހޭނެކަމަށް އަމީން ވިދާޅުވި އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހިންގާ އިދާރާއެއް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ޖަވާބުދާރީވާ ތަނެއް ވެސް ނޫން،" މިކަމުގައި ނުފޫޒެއް ފޯރުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އަދި މިކަމުގައި އެއްވެސް އަސާސެއް ނެތް ނަމަވެސް، އެމްޑީޕީ މެމްބަރުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ހުރި ނަމަ، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އަމީން މިއަދު ވަނީ އެދިވަޑަގަންނަވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.