މި ބިލުގެ މަސައްކަތް ނިންމައި ކޮމެޓީން ވަނީ ރޭ ފަތިހު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މި ދައުރުގެ ފަހުގެ ޖަލްސާ މިއަދު މެންދުރު 1:30 އަށް ތާވަލުކޮށްފައިވާއިރު، މި ބިލު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ނުބާއްވާ ގޮތަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، ރޭ ދަންވަރު ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފި އެވެ.
ބައި-އިލެކްޝްނަތައް އިތުރަށް މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ އެވެ.
މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހަޅައި، އަންގާރަ ދުވަހު ބަލައިގެންފައިވާ އެ ބިލުގެ މަސައްކަތް ރޭ ދަންވަރު ކޮމެޓީން ނިންމާލާފައި ވަނީ އެންމެ 11 މިނެޓުންނެވެ. ކޮމެޓީ ބައްދަލުވުން ބާއްވާފައި ވަނީ ރޭ ދަންވަރު 12:30ގަ އެވެ. މިއީ މި ބިލުގެ މަސައްކަތް ކުރުމަށް ބޭއްވި ހަމައެކަނި ބައްދަލުވުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެންބަރުންގެ ދައުރު ހަމަވާން 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ. އެގޮތަށް އިސްލާހު ހުށަހެޅުއްވީ ބައި-އިލެކްޝަންތައް މަދުކޮށް، އެކަމަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތަކީ ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ.
މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭ 17 ވަނަ ދުވަހު އެވެ.
މި ބިލުގެ މަސައްކަތް ނިންމައި ކޮމެޓީން ވަނީ ރޭ ފަތިހު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މި ދައުރުގެ ފަހުގެ ޖަލްސާ މިއަދު މެންދުރު 1:30 އަށް ތާވަލުކޮށްފައިވާއިރު، މި ބިލު ވަނީ އެޖެންޑާ ކޮށްފަ އެވެ.