ރައީސް ވިދާޅުވީ އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށެވެ. އެހެންކަމުން، ދިވެހި އާއިލާތައް ބަދަހިކޮށް އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.
އާއިލާތަކުގެ ގުޅުން ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ތަހުނިޔާގައި އެމަނިކުފާނު ވިދާޅުވެފައު ވަނީ ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށެވެ. އެހެންކަމުން، ދިވެހި އާއިލާތައް ބަދަހިކޮށް އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.
"ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ. ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަސްރާއި ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން،" ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އާއިލާތައް ކުރިއެރުވުމަށާއި ބާރުވެރި ކުރުވުމަށް ސަރުކާރުން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އާއިލާތަކުގެ ހާލު ބެލުމަށް "ހާލު ކިހިނެއް؟" ޕްރޮގްރާމް ހިންގަމުންނެވެ. އެއީ މިނިސްޓްރީގެ ބޭފުޅުން ސީދާ ގެގެއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބެލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.