ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި
ރާއްޖެއަށް އެކި ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން، ކުވޭތުގެ އިސްވެރިންނާ، އެ ގައުމަށް މި ވަގުތު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަޝްވަރާ ކުރައްވައިފި އެވެ.
ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ހަލީލް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް ސަބާ އާ ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެ ގައުމުގެ އިސްވެރިންނަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމަށްފަހު، ހަލީލް ވަނީ ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާ އާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.
މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ހަލީލު، ކުވޭތުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަލީލްގެ މި ދަތުރުގައި، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.