ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ އިމިގްރޭޝަންގެ މުވައްޒަފުންގެ ބަޔާއި އާންމުންގެ ބައި ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާއި އަދި އާންމުންގެ ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރި ބިދޭސީ މީހަކު ފުލުހުން އަތުލައިގެންފި އެވެ.
މި މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި ބަންދުކޮށްފައި ވަނީ ޝަހާދަތު ހުސެއިން ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ އަކީ ހަތަރު ވޯކް ޕާމިޓެއްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން ދިޔަ މީހެކެވެ.
ފުލުހުން ބުނީ 2019 ވަނަ އަހަރުން ފެށިގެން އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ތިން ދިވެހި ރުފިޔާ އެކައުންޓާއި ތިން ޑޮލަރު އެކައުންޓް ހިމެނޭހެން ޖުމްލަ ހަ އެކައުންޓް ހުޅުވާފައިވާ ކަމަށެވެ. އަދި، މި އެކައުންޓްތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް 8 މިލިއަނަށްވުރެ ގިނަ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެންމެ ފަހުން އޭނާ ވޯކް ޕާމިޓް ބަދަލުކޮށްފައި ވަނީ އޮފީސް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އޭނާއަށް ލިބޭ ކަމަށް އޮތީ 3000 ޑޮލަރެވެ. މާލޭގައި އޭނާ ދިރިއުޅެމުން ދިޔައީ 18،000 ރުފިޔާގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގަ އެވެ.
ފުލުހުން ބުނީ އޭނާގެ ފޯނާ ލެޕްޓޮޕުން ގިނަ ހެއްކާއި ގަރީނާ ފެނިފައިވާ ކަމަށެވެ. އެގޮތުން؛
އޭގެ އިތުރުން އިމިގްރޭޝަންގެ އެކްސްޕާޓް ސިސްޓަމުގައި އެކި ފަރާތްތަކުގެ ނަންނަމުގައި ގިނަ އަދަދެއްގެ ލޮގިން އައިޑީ ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ޝަހާދަތު ހުސެއިންގެ މި މަސައްކަތްތަކުގެ ފަހަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި ދިވެހިންގެ އާންމު އެތައް ބަޔަކު ގުޅިގެން ކުންފުނި ތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ، އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާކަމުގައި ބެލެވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައްހަ ނޫން ވޯކް ޕާމިޓް ބިދޭސީންނަށް ފޮނުވައި، ބަންގްލަދޭޝްގައި އޭނާގެ ނަމުގައި ހުޅުވާފައި ހުރި ބޭންކް އެކައުންޓަކަށް ފައިސާ ވެސް ޖަމާކުރަމުންދާ ކަމަށެވެ. އަދި ބިދޭސީންގެ ވޯކް ވިސާ ފީގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އޭނާގެ އަމިއްލަ އެކައުންޓުން އެކްޕާޓް ޕޯޓަލްގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ފައިސާ ދައްކާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ އިމިގްރޭޝަންގެ މުވައްޒަފުންގެ ބަޔާއި އާންމުންގެ ބައި ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.