ބްރޯޑްކޮމްގެ މެމްބަރުކަމަށް އެ ލިސްޓުގެ ހަތަރު ވަނައިގައި އޮތް މޫސާ ރިލްވާންގެ ނަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްލަ 10 ނަމެއް މަޖިލީހަށް ފޮނުއްވި އެވެ.
އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބުނު ފަސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުއްވި އެވެ.
އޭގެތެރެއިން އެންމެ ގިނައިން މާކްސް ލިބިފައިވަނީ، ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރަށެވެ. އެހެންކަމުން، މީގެކުރިން ވެސް ބްރޯޑްކޮމްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޒީނާ އަނެއްކާވެސް އެ ކޮމިޝަނަށް އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް، ކޮމިޓީ ރިޕޯޓުގައި ހިމެނުނު ފަސް ބޭފުޅުންނަށް ވަކިވަކިން ވޯޓަށް އެހިއިރު، ޒީނާ ވެސް އަދި އެ ލިސްޓުގައި ދެވަނަ އަދި ތިންވަނަ އަށް ތިއްބެވި އައިޝަތު ޝިޔާނާ އަދި ޝިމްލާ އަހުމަދަށް ވެސް ގިނަ މެމްބަރުންގެ ތާއީދެއް ނުލިބުނެވެ.
އެއާ އެކު، ބްރޯޑްކޮމްގެ މެމްބަރުކަމަށް އެ ލިސްޓުގެ ހަތަރު ވަނައިގައި އޮތް މޫސާ ރިލްވާންގެ ނަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
މޫސާ ރިލްވާން މިހާރު ގެންދަވަނީ ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަގާމު އަދާކުރައްވަމުންނެވެ. އޭގެކުރިން އޭނާ ވަނީ ޕީއެސްއެމްގައި ޕްރޮޑިޔުސަރެއް އަދި ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވައިފަ އެވެ.