"އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން."
ސަރުކާރުން ދޭ ލޯނުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ލިބުން ލަސްވާކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ޝަކުވާތަކަށް ވެސް ހައްލު ލިބޭ ގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހާއްސަ އެޕެއް ތައާރަފްކުރަން ތައްޔާރުވަމުން އަންނަ ކަމަށް، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ހައިދަރު ވިދާޅުވީ، އެތައް ހާސް ދަރިވަރުން ސަރުކާރުން ދޭ ލޯނަށް ކުރިމަތިލާއިރު، އެ ދަރިވަރުންގެ ސުވާލުތަކާއި ޝަކުވާތަކަށް އެކަށީގެންވާ ގޮތެއްގައި އެޓެންޑްވުމުގައި ދަތިތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ދަރިވަރުންނަށް ހާއްސަ ވަޓްސްއެޕް ނަންބަރެއް މިނިސްޓްރީގެ ތެރެއިން ހަމަޖައްސައި، މިހާރު ދަރިވަރުންގެ ސުވާލުތަކާއި ޝަކުވާތަކަށް ޖަވާބު ދެވެމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަދި މި މައްސަލައަށް ޒަމާނީ ހައްލެއް ގެނައުމަށްޓަކައި، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަމަށް ހާއްސަ އެޕެއް ތައާރަފްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ތައާރަފު ކުރަން އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެޕު ތައާރަފު ކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިނިސްޓްރީގެ ވިސްނުން ހުރީ 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ގައުމުތަކަށް ވަކި ވަޓްސްއެޕް ނަންބަރެއް ތައާރަފު ކުރުމަށް ކަމަށެވެ.