ބަންޑާރަނައިބް ވިދާޅުވީ ދަނޑުވެރިކަމާއި ޓޫރިޒަމަށް ދޫކޮށްފަ ހުރި ތަންތަނުގައިވެސް އެއްބަސްވުމުގައި ބުނާ މަސައްކަތް ނޫން އެހެން ކަންކަން ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ޓޫރިޒަމަށް ދޫކޮށް ނުހެދި އެތައް ސަތޭކަ ތަނެއް އެބަހުރި ކަމަށާ މި ތަންތަނުގެ އެއްބަސްވުންތައް ބަލައި ބާތިލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީގައި ރޭ ކުރިއަށް ގެންދިޔަ "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބް އުޝާމް ވިދާޅުވީ އެތައް ސަތޭކަ ރަށަކާއި ފަޅުތަކެއް ޓޫރިޒަމްގެ ބޭނުމަށް ނަގައި އެއްވެސް މަސައްކަތެއް ނުކޮށް އެބަހުރި ކަމަށާ އެ އެއްބަސްވުންތައް ރިވިއު ކުރުމަށްފަހު އެއްބަސްވުންތައް ވެސް ބާތިލް ކުރުމުގެ މަަސައްކަތް ފައްޓާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ދިމާވީ ދަނޑުވެރިކަމަށް ނަގާފައި ހުރި ރަށްތައްވެސް އެގްރިމެންޓުގައި ބުނާ މަސައްކަތް ނުކޮށް އެހެން ކަންކަން ކުރަން ބޭނުން ކުރާތަން. އެހެންވެ މި ސަރުކާރުގައި އެއްވެސް ތަފާތު ކުރުމެއް ނެތި އެކަހަލަ މައްސަލަތައް ބަލައި ރަށްތައް އަނބުރާ ނެގުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ،" އުޝާމް ވިދާޅުވި އެވެ.
ފޯރަމްގައި އާއްމު މީހަކު ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމްގެ ކުންފުންޏަށް ދޫކޮށްފައިވާ ނ. މިނާވަރު އަދި އުއްދޫގެ އެއްބަސްވުން ބާތިލް ކުރި މައްސަލާގައި ސުވާލުކޮށްފަ އެވެ. އެކަންކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ތޯ ސުވާލުކޮށްފަ އެވެ. މި ރަށްތައް ދޫކޮށްފައިވަނީ ރާއްޖޭގެ ފުޑް ސެކިއުޓީ ޔަގީން ކުރުމެވެ. މިގޮތުން ދަނޑުވެރިކަމާއި މި ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމުގެ އިތުރުން ވެލިއު އެޑިޝަންގެ މަސައްކަތް ކުރުމަށެވެ. ނަމަވެސް ސަރުކާރުން ބެލިބެލުމުން ގިނަ ރަށްރަށުގައި މީގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަވެފައިވެ އެވެ.
މި ސުވާލާ ގުޅިގެން ބަންޑާރަ ނައިބް އުޝާމް ވިދާޅުވީ އުއްދޫ ސަރުކާރަށް ނެގީއެއް ނޫން ކަމަށާ އުއްދޫގެ އެއްބަސްވުން ހަމަވެފައިވުމުން އެ ކުންފުންޏާއެކު އެއްބަސްވުން ހަަދަން ސަރުކާރުން ބޭނުން ނުވީ ކަމަށެވެ.
"ފަންސަވީސް އަހަރު ހަމަވީމަ އިތުރަށް ބޭނުން ނުވީ. މީގެ ބަދަލުގައި އެ ރަށް މީދޫ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ބާއްވަން ނިންމީ. ސިޔާސީ ބޭފުޅަކަށް ދޫކޮށްފަ އޮތް ރަށެއް ނަމަވެސް ރަށް ދޫކުރި މަސައްކަތް ނުކުރާނަމަ އެ ރަށެއް މި ސަރުކާރުން ނަގާނެ،" ހުޝާމް ވިދާޅުވި އެވެ.
ބަންޑާރަނައިބް ވިދާޅުވި ގޮތުގައި ނ. މިނާވަރަކީވެސް ޕްރޮޕޯސަލެއް ހުށަހަޅައިގެން ވަކި ކަހަލަ މަސައްކަތްތަކެއް ކުރަން ނެގި ރަށެއް ކަމަށެވެ.
"އެގްރިމަންޓާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދޭ. އެހެންވެ އެގްރިމެންޓުގައި ބުނާ ގޮތަށް ނޯޓިސް ދިނީ،" އުޝާމް ވިދާޅުވި އެވެ.
ޓޫރިޒަމަށް އެކި އަހަރުތަކުގައި ދޫކޮށް ނުހެދި 100 އަށްވުރެ ގިނަ ރަށް އެބަހުއްޓެވެ. މީގެތެރޭގައި އެތައް ފަޅެއްވެސް ހިމެނެ އެވެ. މި ދިޔަ ސަރުކާރުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސްގެން މި ރަށްތައް ހެދޭނެ ގޮތެއް ވޭތޯ ބެލި އެވެ. ނަމަވެސް އެކަންވާ ގޮތެއް ނުވި އެވެ. އަދި ތިން އަހަރުގެ މުއްދަތުގައި ހަދަން ނުފަށައިފިނަމަ އޮޓަމެޓިކުން މި ރަށްތަކުގެ އެއްބަސްވުންތައް ބާތިލްވާނެ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަންވެސް ފުރިހަަމައެއް ނުވެ އެވެ.