ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި، ރައުދުއާ ސުވާލުކޮށްފައިވާ ކަމަށް މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. މިއީ އެ ކޮމިޝަނުން ރައުދުއާ ސުވާލުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ ބައްދަލުކޮށް ސުވާލުކޮށްފި އެވެ.
ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި، ރައުދުއާ ސުވާލުކޮށްފައިވާ ކަމަށް މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. މިއީ އެ ކޮމިޝަނުން ރައުދުއާ ސުވާލުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައުދުގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ޔުމްނުގެ އާއިލާއިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި ވައްޓާލީ ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެގޭތެރޭގައި ޔުމްނުއާއެކު އުޅުނު ކަމަށް ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ރައުދުގެ އިތުރުން އިތުރު ހަތަރު މީހަކު އުޅުނު ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އޭނާގެ ދައްތަ އެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ފެންޓެނޯއީ އަކީ ޔުމްނު އަދި ރައުދުއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް، ޔުމްނުއާ ހަވާލާދީ ޔުމްނުގެ ދައްތަ ބުނެފައި ވަނީ އެއީ ޔުމްނު ދާ ގެއެއްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ޔުމްނުގެ އާއިލާއިން މައުލޫމާތު ހިއްސާކުރި ނަމަވެސް، ފުލުހުންނަށް އަދި ޔުމްނުގެ ބަޔާނެއް ނުގެ އެވެ.