ނަރުހުންގެ އަޑު އަހައި، އިޖާބަދީ، އަގު ވަޒަން ކުރާނަން: ރައީސް

ރައީސް ވިދާޅުވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އެކަމުން ދޭހަވަނީ، މިފަދަ ބުރަ، ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ނަރުހުންގެ އަގު ވަޒަންކޮށް، ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ތަހުނިޔާ ހިތޯބުގައި ވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފްވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

"ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަން. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން. އިރާދަކުރެއްވިއްޔާ ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަން،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އެކަމުން ދޭހަވަނީ، މިފަދަ ބުރަ، ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށެވެ. 

ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބައްޔަކަށް ނުވަތަ އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ އާއިލާއަކީ އަދި މިތުރުންނަކީ ނަރުހުން ކަމަށެވެ.

"ބަލިމީހާއާއި އާއިލާއާއި ޑޮކްޓަރާ މުއާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ހާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހޭ. ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ހިދުމަތުގައި ހުންނަން ޖެހޭ،" ރައީސްގެ ހިތޯބުގައި ނަރުހުންގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ވިދާޅުވި އެވެ.

"ނަރުހުންގެ ތިޔަ އަގުހުރި ގައުމީ ހިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތައުބީރުކުރުންތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެ. ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ހާލަތްތަކާއި، ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ހިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް، ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާނެ ކަމަށާއި، ގައުމަށް ބޭނުންތެރި ދިވެހި ނަރުހުން ނިސްބަތުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.