ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަ ކުރަން ކުރިއަށް ގެންދިޔަ އާއިލީ ކާނިވަލްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެއް ސަރަހައްދަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ދިރިއުޅޭ އެއް ތަނަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގަ އެވެ. އެހެންވެ މި ސަރަހައްދުވެފައިވަނީ ގިނަ އާއިލާއެއްގެ ހުވަފެނީ މަންޒިލުގެ ގޮތުގަ އެވެ. ކުޑަކުދިންގެ އެއްވެ މަޖާކޮށް އުޅޭ ސަރަހައްދެއްގެ ގޮތުގަ އެވެ. ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމާ ވެސް ދިމާކޮށް ކުރިއަށް ގެންދިޔަ ހަރަކާތުން މިއަދު ފެނިގެން ގޮސްފައިވަނީ އާއިލީ ކާނިވަލެއްގެ މަންޒަރުތަކެވެ.
ރާއްޖޭގައި މި އަހަރު ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި މިއަހަރު އެންމެ ފޯރިގަދަކޮށް ދިޔައީ މި ސަރަހައްދުގަ އެވެ. އެޗްޑީސީގެ އިސްނެގުމެއްގެ ދަށުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓާ ގުޅިގެން މިއަދު ބޭއްވި ހަވީރުން ފެށިގެން ވަނީ ކުޑަކުދިންނަށް ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ހަރަކާތްކުގައި އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލު އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމަންޓް ޑރ. އައިޝަތު ޝިހާމްވެސް ބައިވެރިވެވަޑައިގަތެވެ. މި ކާނިވަލްގައި ހާއްސަ ކޭކެއް ފެޅުންވެސް އޮތެވެ.
މި ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެއެވެ. އަދި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެއެވެ. ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބުނެވެ. އެންމެ ހާއްސަ އަނެއް ކަމަކީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މޫވީ ނައިޓް އެވެ. ގިނަ އަދަދެއްގެ ކުދިން ވަނީ މި މޫވީ ނައިޓްގައި ބައިވެރިވެފަ އެވެ.
މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު އެވެ. ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ.