ޖަވާބުދާރީވުމުގެ ފުރުސަތު އަޒްމިރަލްދާ އަށް ނުދޭން ކޮމިޓީން ފާސްކޮށްފި

ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުމާމެދު ކޮމިޓީން މިއަދު ވަކި ގޮތެއް ނުނިންމައި، މެމްބަރުންގެ އިއްތިފާގުން ވަނީ ޝާހިދުގެ އެ ހުށަހެޅުމަށް ތާއީދުކޮށްފަ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު --

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު އަޒްމިރަލްދާއަށް ނުދޭން ފާސްކޮށްފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ ވަނީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ރަސްމީކޮށް އެދިވަޑައިގެންފައި ނުވިޔަސް، އަޒްމިރަލްދާގެ އިތުރުން މަހާޒް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކޮށް، މި މައްސަލައާ ގުޅޭ ކަންކަން ސާފުކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ.

ނަމަވެސް، އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ، އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިތުރު ދެ ބިލެއްގެ މަސައްކަތް ކުރުމަށް ހެނދުނު 10:30 އިން ފެށިގެން މަސައްކަތް ކުރަމުންދިޔުމާ ގުޅިގެން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މި މައްސަލައާ މެދު ގޮތެއް ނިންމުމަށް އެހެން ދުވަހަކަށް ބައްދަލުވުން ތާވަލުކުރަން ހުށަހަޅުއްވައިފަ އެވެ.

އެހެންކަމުން، ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުމާމެދު ކޮމިޓީން މިއަދު ވަކި ގޮތެއް ނުނިންމައި، މެމްބަރުންގެ އިއްތިފާގުން ވަނީ ޝާހިދުގެ އެ ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ. 

އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ، އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.