މި ކާޑު ފަރުމާކޮށްފައިވަނީ އަހަރެއްގެ މައްޗަށް ކުރެވޭނެ ހަރަދުގެ 0.5 ޕަސެންޓް ބޭންކުން ސޭވިން އެކައުންޓަށް ޖަމާކުރާ ގޮތަށެވެ.
ހާއްސަ ސިފަތަކެއް ހިމެނޭ ގޮތަށް ކިޔަވާ ކުދިންނަށް ފަރުމާކޮށްފައިވާ ސްޓޫޑެންޓް ޑެބިޓް ކާޑެއް ގައުމީ ބޭންކުން ތައާރަފުކޮށްފި އެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ހޮޓެލް ޖެންގައި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެގެން މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި ސްޓޫޑެންޓް ޑެބިޓް ކާޑު ތައާރަފު ކޮށްދެއްވީ ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު އެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މި ސްޓޫޓެންޑް ކާޑަކީ ހަމައެކަނި ކޭޝް ކާޑެއް ނޫން ކަމަށާ މިއީ މާލީ ދާއިރާ އަށް އަންނަ ބަދަލު ކުދިންނާ ހަމައަށް ގެނެސްދޭނެ ފެށުމަކަށްވާނެ އެވެ.
"މިއީ ސްޓޫޑެންޓުންނަށް މާލީ މިނިވަންކަމާއި އެކި ކަންކަމަށް ފައިސާ ފޮރުވުންފަދަ މާލީ ހުނަރުތަކާއި ދިރިއުޅުމުގެ ކިތަންމެ ހުނަރުތަކެއް ދަރިވަރުންނަށް ދަސްކޮށްދޭނެ އެއްޗެއް. މިކާޑާއެކު ހުޅުވާ އެކައުންޓަކީ ކުދިން ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި މުހިންމު އަސާސެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއް،" ޝަރީފު ވިދާޅުވި އެވެ. "
މަތީ ތައުލީމް އާއި ވަޒީފާ އަދި ގެދޮރު ހޯދުން ކަމުގައި ވިޔަސް. މިއީ ހަމައެކަނި ބޭންކިން ހިދުމަތް ފެށުމަށް ހުޅުވާ އެކައުންޓެއް ނޫން،"
ޝަރީފު ވިދާޅުވީ މިކާޑާއެކު އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބޭނެ ކަމަށާ މިއީ ފީއެއް ނެތި ނެގޭނެ ކާޑެއް ކަމަށެވެ.
"އަހަރެއްގެ މައްޗަށް ކުރެވޭނެ ހަރަދުގެ 0.5 ޕަސެންޓް ބޭންކުން ސޭވިން އެކައުންޓަށް ޖަމާކޮށްދޭނެ،" ޝަރީފު ވިދާޅުވި އެވެ.
އެމްޑީ ޝަރީފު ވިދާޅުވީ ދުނިޔޭގެ ޕޭމަންޓް ނިޒާމަށް މިދިޔަ 50 އަހަރު ތެރޭގައި އައިސްފައިވާ ބަދަލަށްވުރެ ބޮޑު ބަދަލެއް މިދިޔަ ފަސް އަހަރު ތެރޭ އައިސްފައިވާ ކަމަށެވެ. މިދިޔަ 25 އަހަރު ތެރޭގައި މުސާރަ ދިނުން ފަދަ ކަންކަމުގައި ރާއްޖެ ނަގުދު ފައިސާއަށް ބަރޯސާވިނަމަވެސް އެކަންވެސް ބަދަލުވަމުން ދާ ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ނިޒާމަށް މި ފެންނަ ބަދަލުގައި ގައުމީ ބޭންކުން މުހިންމު ރޯލެއް އަދާކޮށްފައިވާ ކަމަށެވެ.
"ރާއްޖެއަށް ކާޑާއި އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް ބޭންކިންއާއި މޮބައިލް އެޕާއި މޮބައިލް ވޮލެޓު ތަފާތު ކުރުން ހިމެނޭ،" ކުރިންވެސް ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭންކަށް ހިދުމަތް ކުރެއްވި ޝަރީފު ވިދާޅުވި އެވެ.
މި ހަފުލާގައި އެމްޑީ ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޕޭމަންޓް ސިސްޓަމްތަކެކޭ އެއްގޮތަށް ރާއްޖެ ވެސް ކުރިއަރައިގެންދާ ކަމަށާ ރާއްޖެ ޑިޖިޓަލް ކުރަން ފަށާ މޯލްޑިވްސް 2.0 އާއެކު މި ބަދަލު ފެންނާނެ ކަމަށެވެ.
"މީގެ އެންމެ ބޮޑު އުންމީދަކީ ރޭގައި ލޯންޗް ކުރި މޯލްޑިވްސް 2.0 . ޑިޖިޓަލް ފަސްޓް ނޭޝަންއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ވެގެންދާއިރު ފަސޭހައިން އެއް ނިޒާމަކީ ބޭންކިން އަދި ފައިނޭންސް ނިޒާމު. އެންމެ ގިނައިން ބޭނުންކުރާ އެއް ނިޒާމަކީ މިއީ. މީގެ އެންމެ ބޮޑު ހެއްކަކީ ބީއެމްއެލް މޮބައިލް އެޕަށް ދުވާލަކު އެއް މިލިއަން ލޮގިން ކުރޭ،" ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްއިން މިހާރުވެސް ކިޑް ސޭވާ އެކައުންޓާއި ބީއެމްއެލް އިސްލާމިކްއިންވެސް ކިޑް ސޭވާ އެކައުންޓެއް ދޫކުރަމުން ގެންދެ އެވެ.