ޕާކިސްތާނުން ފަތިހުގެ ވަގުތެއްގައި ވަނީ އިންޑިއާ އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި މީގެ ރައްދު ދިނުމުގެ ގޮތުން އިންޑިއާއިންވެސް ވަނީ ހަމަލާ ދީފަ އެވެ.
އިންޑިއާ-ޕާކިސްތާނު މަސްރަހު ހޫނުވެ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ބެލިފައިވާއިރު އިންޑިއާގެ 32 އެއާޕޯޓެއް ބަންދުކޮށް، ގިނަ އެއާލައިންތަކެއް ބިންމަތިކޮށްފި އެވެ.
އިންޑިއާގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އެ ގައުމުގެ 32 އެއާޕޯޓެއް ބަންދުކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. މި އެއާޕޯޓްތައް ބަންދުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މުއްދަތަކަށެވެ. ބަންދުކުރި އެއާޕޯޓް ތަކަކީ މިހާރު މައްސަލަ ހޫނުވެފައިވަ ކަޝްމީރު ސަރަހައްދާ ކައިރީގައި ހުރި އެއާޕޯޓްތަކެވެ. އިންޑިއާ އިން ވަނީ އެ ގައުމުގެ އެއާލައިންތައް ކަމަށްވާ ސްޕައިސް ޖެޓާއި އިންޑިގޯ އަދި އެއާ އިންޑިއާގެ ފްލައިޓްތައް ވެސް ބިންމަތި ކުރަން އަންގާފަ އެވެ. ފްލައިޓްތައް ހުއްޓާލުމާއެކު އެއާއިންޑިއާ އާއި އިންޑިގޯގެ 165 ފްލައިޓެއް ކެންސަލް ވާނެ އެވެ.
ނިއުކްލިއަ ދެ ބާރު ކަމަށްވާ ޕާކިސްތާނާއި އިންޑިއާ އިން ބޮޑު ހަނގުރާމައަކަށް ތައްޔާރުވެފައިވާއިރު މިވަނީ ކަޝްމީރު އިންޑިއާއާ ވީފަޅިއަށް މިމަހު ހަނގުރާމައަކަށް ބަޔަކު ދިން ހަމަލާއެއްގައި 26 މީހުން މަރާލުމުންނެވެ. މި ހަމަލާގެ ޒިންމާވަނީ ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާއިން ނަގާފަ އެވެ.
މި ހަމަލާގެ ބަދަލު ހިފުމަށް އެ ގައުމުން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނުގެ އެތެރޭގައި ހުރި ހަނގުރާމަވެރިންގެ ބައެއް މަގާމުތައް ކަމަށް ބުނާ ތަންތަނަށް މިދިޔަ ބުދަ ދުވަހ ޑްރޯން އާއި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާ ދީފަ އެވެ. މި ހަމަލާގައި ޕާކިސްތާނުން 31 މީހުން މަރުވެފައިވެ އެވެ. މި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އައިސީ 814 މަތިންދާ ބޯޓު 1994 ވަނަ އަހަރު ހައިޖެކް ކުރުމުގައި މާސްޓަ މައިންޑުގެ ގޮތުގައި ހުރިކަމަށް ތުހުމަތު ކުރާ ޖެއިޝޭ މުހައްމަދު ޖަމާއަތުގެ ވެރިޔާ މަސްހޫދު އަޒްހަރުގެ އާއިލާގެ 10 މެންބަރުންވެސް ހިމެނެ އެވެ.
ޕާކިސްތާނަށް އިންޑިއާ އިން ހަމަލާ ދިނުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުން ކުރިންވެސްވަނީ ބުނެފަ އެވެ. މީގެ ބަދަލު ހިފުމުގެ ގޮތުން އެ ގައުމުން ރޭ ވަނީ އިންޑިއާގެ ބައެއް މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. އަދި މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް ކްރޫޒް މިސައިލް ބޭނުންކޮށްގެން ހަމަލާ ދީފަ އެވެ.