ފުލުހުން ބުނީ މިއީ މިހާރު ވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އަދިވެސް އިތުރު ސަބަބުތަކާހުރެ ބަޔާން ނެގުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވި، ސީނަށް އެޓެންޑްވި ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކި، އެ ފުރުސަތު ހޯދަމް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
"ނަމަވެސް، އަންހެން މީހާ [ޔުމްނު]ގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ މިއީ މިހާރު ވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ޔުމްނުގެ ބަޔާން ނެގުމުގެ ފުރުސަތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް އެ ހިދުމަތުން ބުނެފައިވާއިރު، އިއްޔެ ޔުމްނު އެ ހާދިސާއާ ގުޅޭ ގޮތުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށް އާއިލާއިން ރޭ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
ޔުމްނުގެ ދައްތަ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި ވައްޓާލީ ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެގޭތެރޭގައި ޔުމްނުއާއެކު އުޅުނު ކަމަށް ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ރައުދު މުހައްމަދު ޒިލާލްގެ އިތުރުން އިތުރު ހަތަރު މީހަކު އުޅުނު ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އޭނާގެ ދައްތަ ރޭ ބުންޏެވެ.
ފެންޓެނޯއީ އަކީ ޔުމްނު އަދި ރައުދުއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް، ޔުމްނުއާ ހަވާލާދީ ޔުމްނުގެ ދައްތަ ބުނެފައި ވަނީ އެއީ ޔުމްނު ދާ ގެއެއްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައުދު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އިތުރު މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
ޔުމްނުއަށް ފަރުވާ ދެމުން ދަނީ މެލޭޝިއާގަ އެވެ. ޔުމްނުގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށާއި، އޭނާ ހޭ އަރާފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.