އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި ބޭސް ލިބޭނެ އެވެ.
ރާއްޖޭއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުމުގެ ގޮތުން އިންޑިއާގެ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު އެސްޓީއޯ އިން ސޮއިކޮށްފި އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާ ސަރުކާރު ކުންފުނި އެސްޓީއޯއިން ބުނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު އެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
މި އެއްބަސްވުމުގެ ދާށުން ރާއްޖެ އަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ އެވެ. މި ވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއިތު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނާޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދިތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން ބުނީ މި ޕާޓްނާޝިޕް ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލް ލައިފްކެއާ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރު ހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ބަލްކް ޕްރޮކިއުމެންޓް ނިޒާމެއްގެ ދަށުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށް ދީފަ އެވެ. މިގޮތުން ބައެއް ބޭސް ގެނެސް އެސްޓީއޯއިން ވިއްކަމުން ގެންދެ އެވެ.