ފެންޓެނޯއީ އަކީ ދަންނަ ގެއެއް، ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނޭ

އެ ގޭގެ މަތިން ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އޭނާގެ ދައްތަ މިރޭ ބުންޏެވެ.

ޔުމްނު ވެއްޓުމުގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ރައުދުއާއެކު ހަރަކާތްތެރިވަނީ --

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، އެ ގެއަކީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ހައްވާ ޔުމްނު ރަޝީދު ބުނާ ކަމަށް، އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

އެ ހާދިސާ އާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ޔުމްނު ވަނީ މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ އިރު، ޔުމްނު މިހާރު ހޭއަރާފައިވާ ކަމަށާއި ވާހަކަ ދައްކާ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން، ޔުމްނުގެ ދައްތަ ބުނީ، ހ. ފެންޓެނޯއީ އަކީ ޔުމްނު އާއި އޭނާ އާ އެކު އެ ރޭ އުޅުނު ރައުދު މުހައްމަދު ޒިލާލް ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނެފައިވިޔަސް، އެ ގެ އަކީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.

އެ ރޭ އެ ގެއަށް ދިޔައީ ޔައްސާރު ނަމަކަށް ކިޔާ މީހެއްގެ ދައުވަތަކަށް ކަމަށާއި އެކުގައި ރައުދުގެ އިތުރުން ހަތަރު މީހަކު ވެސް ދިޔަ ކަމަށް ޔުމްނު ބުނާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

އަދި އެ ގޭގެ މަތިން ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އޭނާގެ ދައްތަ މިރޭ ބުންޏެވެ.

ފުލުހުންގެ އިތުރުން ސޯޝަލް މީޑިޔާގައި ވެސް އާންމުވެފައިވާ ވީޑިޔޯތަކަށް، ހ. ފެންޓެނޯއީގެ ސިޑިތަކުގެ މަތީގައި ޔުމްނު އާއި ރައުދުގެ އިތުރުން އެހެން މީހަކު ނޫނީ ބަޔަކު އުޅޭ މަންޒަރެއް އަރާފައެއް ނުވެ އެވެ.

ނަމަވެސް، ފުލުހުން އާންމުކޮށްފައިވާ ވީޑިޔޯތައް ވަނީ އެޑިޓުކޮށްފައި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ބޮޑެތި ސުވާލުތައް އުފެދި، ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި، އެކި ރޭ މަތިން ގިނަ އަދަދެއްގެ ޒުވާނުން އިސްވެ ވަނީ މާލޭގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އެކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހާދިސާ ތަހުގީގުކުރަން، ބޮޑެތި ބާރުތަކާއެކު ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

މި ހާދިސާ އާ ގުޅިގެން، ޔުމްނު އާ އެކު އެ ރޭ އުޅުނު ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.