އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގަ އެވެ. އޭގެ ކުރީން 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާވެވަޑައިގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ރިޓަޔާވެވަޑައިގަތުމަށް ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނަމަވެސް ރަސްމީކޮށް ރިޓަޔާ ކުރެއްވޭނީ ޖޭއެސްސީން އެގޮތަށް ނިންމުމުންނެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި މިވަނީ ރިޓަޔާ ކުރައްވަން އުޅޭ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައި ވަނިކޮށެވެ. އެގޮތުން، ވަކީލުން ހުވާ ކުރުމުގެ ޖަލްސާއެއްގައި އެމަނިކުފާނުގެ އުމުރުފުޅުން ދުވަސްވެފައިވާ ކަމަށާއި، ދެން އެފަދަ ޖަލްސާއަކުން ނުފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯއްދަވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގަ އެވެ. އޭގެ ކުރީން 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ނިންމައި، ޖޭއެސްސީ އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ދެ ފަނޑިޔާރުން ތިއްބެވީ ވެސް ސަސްޕެންޑްގަ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑް ކޮށްފައި ވަނިކޮށް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. އެކޯޓުގައި މިހާރު ތިއްބެވީ އޭނާގެ ބަދަލުގައި އެކޯޓަށް އައްޔަނު ކުރި ފަނޑިޔާރު ހުސައިން ޝަހީދާއި، އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.