ދައުލަތަށް ނުދައްކާ ހުރި 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މީރާގެ މައުލޫމާތުތައް ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި އެންފޯސްކޮށްގެން 616.39 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މީގެތެރޭން 305.33 މިލިއަން ހޯދާފައިވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ހަނދާންކޮށް ދީގެންނެވެ.

މީރާގެ ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރު އަދި ޑެޕިއުޓީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް ފާތިމަތު އަމީޒާ -- މީރާ

ދައުލަތަށް ދައްކަން ޖެހި ނަމަވެސް ނުދައްކާ ހުރި 600 މިލިއަން ރުފިޔަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިިފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ރިޕޯޓް ދައްކާ ގޮތުން ނިމިދިޔަ ތިން މަހު އެންސްފޯސްމަންޓް ކަލެކްޝަންގެ ގޮތުގައި ނުދައްކާ ހުރި ފައިސާ ހޯދަން ކުރި މަސައްކަތުން 616.39 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. 

ޓެކްސް އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ނުދައްކާހުރި ފައިސާގެ ތެރޭން އެންމެ ގިނަ ފައިސާ ހޯދާފައިވަނީ މީރާއިން އެ ފަރާތްތަކަށް ހަނދާންކޮށް ދީގެން ކުރި މަސައްކަތުން ހޯދި ފައިސާ އެވެ. މި މުއްދަތުގައި މީރާއިން 5,041 ފަރާތްތަކަށް ފައިނަލް ނޯޓިސް ދީފައިވެ އެވެ. 

ފައިސާ ހޯދި ގޮތް

  •  ހަނދާންކޮށް ދީގެން - 305.33 މިލިއަން
  •  އީ- މެއިލް ފޮނުވައި ގުޅައިގެން - 190.44 މިލިއަން
  •  ޑިއުސް ކްލިއަރެންސް - 116.39 މިލިއަން
  •  އެކައުންޓް ފްރީޒްކޮށްގެން - 4.24 މިލިއަން

ފުރަތަމަ ތިން މަހު މީރާއިން ވަނީ 81 ފަރާތަކަށް ބަހާލައިގެން ޓެކްސް ދައްކަން އިންސްޓޯލްމަންޓް ޕްލޭންގެ ފުރުސަތު ދީފަ އެވެ. މި ފަރާތްތަކުން 62.48 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފަ އެވެ. އަދި މި މުއްދަތުގައި ޖުމްލަ 1,087 މައްސަލައެއް ބަލައި 41.89 މިލިއަން ރުފިޔާގެ ޓެކްސްގެ ލުއި ދީފައިވެ އެވެ. މީގެތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ހަ މައްސަލައަކާ ގުޅިގެން ދިން 1.27 މިލިއަން ރުފިޔާގެ ޓެކުހުގެ ލުއިވެސް ހިމެނެ އެވެ. 

މީރާގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޖުމްލަ މިދިޔަ ކުއާޓަރާ ހަމައަށް އިކަމް ޓެކްސް ދައްކަން މުޅިން އަލަށް 2,525 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި ޓީޖީއެސްޓީއަށް 104 ފަރާތެއް ރަޖިސްޓްރީކޮށްފައިވާއިރު އާއްމު ޖީއެސްޓީއަށް 355 ފަރާތެއް ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ދައްކަން 101 ފަރާތެއް އަލަށް ރަޖިސްޓްރީކޮށްފައިވެ އެވެ. 

ޓެކްސް އިދާރާގައި ޖުމްލަ 303 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި ކުއާޓަރުގައި އަލަށް 14 މުވައްޒަފުންނަށް ވަޒީފާ ދިނެވެ. އަދި 11 މުވައްޒަފުން މީރާ ދޫކޮށް ދިޔަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.