މި މިދިޔަ އަހަރު ބޭންކްތަކަށް ލިބުނު ފައިދާ ވަނީ ހަތަރު ޕަސެންޓުގެ އިތުރުވުމަކާއެކު 4.7 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި އުފެއްދުންތެރި ނޫން މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯނުގެ 21 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ބޭންކިން ސިނާއަތަށް ލިބުނު ފައިދާ މަތިވެ، ކަސްޓަމަރުންގެ ޖަމާކުރި ފައިސާގެ މިންވަރު ވެސް ބޮޑުތަކުން އިތުރު ވެއްޖެ އެވެ.
މަރުކަޒީ ބޭންކުގެ މިދިޔަ އަހަރުގެ އަހަަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބޭންކުތަކަށް ގާތްގަނޑަށް 60 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އޭގެ ކުރީ އަހަރުގެ ޖަމާކުރީ ގާތްގަނޑަކަށް 57 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ބޭންކްތަކުގެ ޖަމާކުރި ފައިސާގެ ދިވެހި ރުފިޔާގެ ޑިޕޮސިޓް އިތުރުވެފައިވަނީ ތިން ޕަސެންޓެވެ. އަދި ބޭރު ފައިސާގެ ޑިޕޮސިޓުގެ ނިސްބަތް ހުރީ ދެ ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ބޭރު ފައިސާގެ ޑިޕޮސިޓް ދަށްވެފައި ހުރިކަން މި ރިޕޯޓުން ދައްކަ އެވެ.
މި މިދިޔަ އަހަރު ބޭންކްތަކަށް ލިބުނު ފައިދާ ވަނީ ހަތަރު ޕަސެންޓުގެ އިތުރުވުމަކާއެކު 4.7 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ރާއްޖޭގެ ބޭންކިން ސެންޓާއިން ޖުމްލަ ސާފު ފައިދާގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ފައިދާގެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންޓެސްޓުގެ ގޮތުގައި ބޭންކްތަކަށް ލިބުނު އާމްދަނީ އެވެ.
މިދިޔަ އަހަރު ބޭންތަކުގެ އެސެޓުގެ ތެރޭން ބޮޑު ޕަސެންޓެއް ގާތްގަނޑަކަޑް 39 ޕަސެންޓް ހިއްސާ ކުރަނީ އާއްމު ލޯނުތަކެވެ. މީގެ އިތުރުން 24 ޕަސެންޓް ހިއްސާއަކީ ޓްރެޒަރީ ބިލް އެވެ. ބޭންކްތަކަކި ސަރުކާރުން ކޮންމެ ހަފުތާއެއްގައި ވިއްކާ ޓީބިލް އެންމެ ގިނައިން ގަންނަ އެއް ފަރާތެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރު ބޭންކިން ސެންޓާއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ރާއްޖޭގެ ބޭންކުތަކުން ދޫކުރި ލޯނުތަކުގައި ހުރި އުފެއްދުންތެރި ނޫން ލޯނު ނުވަަތަ ދައްކަން ކަނޑައަޅާ މުއްދަތު ފަހަނަޅައި ދާއިރު ނުދައްކާ ނުވަތަ ދެއްކުން ލަސްވެފައި ހުންނަ ލޯނުގެ ނިސްބަތް ބޮޑުތަކުން ދަަށްވުމެވެ.
މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯނުގެ 21 ޕަސެންޓް ދަށްވެ އުފެއްދުންތެރި ނޫން ލޯނުތަގެ އަދަދު ވަނީ 374.1 މިލިއަން ރުފިޔާ ދަށް ކުރެވިފަ އެވެ. މި ބަދަލު އައި މައިގަނޑު ސަބަބެއްގެ ގޮތުގައި މަރުކަޒީ ބޭންކުން ބުނެފައިވަނީ ބޭންކިން ނިޒާމުން ބޮޑު ދެ ލޯނެއް ރައިޓްއޮފް ނުވަތަ މައާފުކޮށް ދީފައިވުމެވެ. ނަމަވެސް މައާފުކޮށްދިފައިވަނީ ކޮން ލޯނެއް ކަމެއް އަދި އެއީ ކޮން ބޭންކްއަކުން ކަމެއް މަރުކަޒީ ބޭންކުން ބުނެފައެއް ނުވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 69 ބޭންކް ބްރާންޗެއް ހުރިއިރު 215 އޭޓީއެމްއެއް ހުއްޓެވެ. މި އޭޓީއެމްތަކުގެ ތެރޭން 131 އޭޓީއެމް ހުރީ މާލެ ސަރަހައްދުގަ އެވެ.