މިއަދާއި މާދަމާ ވިއްސާރަ ކުރުމަށްފަހު މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދަނީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށުމުގެ މަރުހަލާގައި ކުރާ ވިއްސާރަ އެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާއްޖެއަށް ހުޅަނގު މޫސުން އަދި ނުފެށެ އެވެ. މިހާރު ކުރަމުން މިދަނީ ދެ މޫސުން ބެދޭ ދުވަސްވަރު ކުރާ ގަސަ ވިއްސާރައެއް ކަމަށް އެ އޮފީހުން ބުންޏެވެ.
މިއަދާއި މާދަމާ ވިއްސާރަ ކުރުމަށްފަހު މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.
މެޓުން ވަނީ މިއަދު ހެނދުނު ދެ ސަރަހައްދަކަށް އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ އިތުރުން، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ވަރަށް ބޮޑަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިއްޔެ ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކޮށްފަ އެވެ. މާލެ ސަރަހައްދަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވިއްސާރަކޮށްފައި ވަނީ ހުޅުލެއަށެވެ.