ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.
އިންޑިޔާގެ ކަޝްމީރުގައި މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާއަށްފަހު، އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވަނިކޮށް، އިންޑިޔާއިން މިއަދުގެ ފަތިހުގެ ވަގުތެއްގައި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފި އެވެ.
އިންޑިޔާއިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، ޕާކިސްތާނުގެ ކަޝްމީރުގައި ހުންނަ ޓެރަރިސްޓު ކޭމްޕުތަކަށް ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި ކަޝްމީރުގައި ދިން ހަމަލާއަށް އިންސާފު ލިބިފައިވާ ކަމަށް އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.
އެ ހަމަލާގެ ފުރިހަމަ ރައްދު ދޭނެ ކަމަށް ބުނުމަށްފަހު، ޕާކިސްތާނުން ވެސް މިހާރު ވަނީ އިންޑިޔާގެ ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދޭން ފަށައިފަ އެވެ.
އިންޑިޔާއިން ޕާކިސްތާނުގެ ކަޝްމީރުގެ ހަ ސަރަހައްދަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އާންމުންގެ ތެރެއިން އަށް މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.
ޕާކިސްތާނުން އިންޑިޔާގެ ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އިންޑިޔާގެ އަސްކަރިއްޔާއިން ބުންޏެވެ.
ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގެ ޓޫރިސްޓުންގެ ސަރަހައްދަކަށް ބަޑިން ހަމަލާދީ 26 މީހަކު މަރައިލި ހާދިސާގެ ރައްދު އިންޑިޔާއިން ދޭނެ ކަމަށް ބެލެވިފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.