ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާ އެއް
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާ އެއްކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރުގެ ފޯރަމްގެ މައުލޫ "ސްޓްރެންތެނިންގް އިންޓެގްރިޓީ އެންޑް ކޮމްބެޓިންގް ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އަކީ އަދުގެ ހާލަތާ ގުޅޭ މައުލޫއެއް ކަމަށެވެ.
އަދި، އިންވެސްޓަރުން އިތުބާރާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމުކަމުގެ މައްޗަށް، ނައިބު ރައީސް އަލިއަޅުވާލައްވާފައިވެ އެވެ.
މީގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ މި ސިނާއަތުގެ ދެމެހެއްޓެނިވި ކަމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގު މުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރެމިއާ ޑެސްޓިނޭޝަން ލަގަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް ވިދާޅުވި އެވެ.
އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްގީ ކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓާ، މަދަނީ ޖަމިއްޔާތައް، ބައިނަލްއަގުވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވެ އެވެ. އެގޮތުން، ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓާކޮށް ތަންފީޒުކުރުމާއި، ގަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި އެވެ.
އަދި، ވިސްލް ބްލޯވަރުން ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެ މަނިކުފާނު ގޮވާލެއްވި އެވެ. އަދި، އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށްވެެސް ނައިބު ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސައުދީގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، މާޒިން ބިން އިބްރާހީމް އަލް-ހަމޫސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ނައިބު ރައީސަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ. މިފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.