މިނިސްޓަރު ވިދާޅުވީ އެހާ ބޮޑު ގައުމީ ޕްރޮގްރާމެއްގެ ދަށުން ހުރިހާ ދަރިވަރުންނަށް ނާސްތާ ދޭންވާނެ ކަމަށް ގާނޫނުގައި ވެސް ލިޔެފައި، ބޭނުން ކުދިންނަށް ދިނުމަށް ވަޔަލޭޝަނެއް ހެދުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކުރީ ސަރުކާރުން ސްކޫލް ދަރިވަރުންނަށް ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން މިހާރު ނާސްތާ ދެމުން ދަނީ ހާހަކަށްވުރެ މަދު ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ނާސްތާ ޕްރޮގްރާމާ ގުޅޭ ގޮތުން މިއަދު މެންބަރަކު ސުވާލުކުރެއްވުމުން މިނިސްޓަރު ވަނީ އެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެ ޕްރޮގްރާމް ފަށަން އުޅުނުއިރު ވެސް އެކަން ކުރަން ރާވާފައިވާ ގޮތުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"ނަތީޖާއަކަށްވީ ތައުލީމާ ބެހޭ ގާނޫނު އައިއިރުގަ ގާނޫނުގަ މި ލިޔަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭންވާނެއޭ، މިހާރުވެސް ގާނޫނުގަ އޮތީ އެހެން، އެހެންނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓް ލެއްވި ބޭފުޅުން އަދި މެނިފެސްޓޯގަ އެ ހިމެނުއްވި ބޭފުޅުން ފަހުން ނިންމެވީ ނޫނެކޭ ބޭނުންވާ ކުއްޖަކަށޭ ދޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެބޭފުޅުން ބޭނުންވާ ގޮތަށް މިހާރު ދަރިވަރުންނާ ނާސްތާ ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހެނދުނުގެ ދަންފަޅީގައި ގާތްގަނޑަކަށް 60،000 ވަރަކަށް ދަރިވަރުން ކިޔަވާނެ ކަމަށާއި އޭގެ ތެރެއިން ނާސްތާ ދެވެނީ 1000 އަށްވުރެ ވެސް މަރު ދަރިވަރުންނަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެހެންވީމަ ކޮމިއުނިޓީ ލެވެލްގަ އެހާ ބޭނުންތެރި ޕްރޮގްރާމެއްގެ ގޮތުގަ ނުބެލެވޭ ކަމަށް އަޅުގަނޑަށް މި ގަބޫލުކުރެވެނީ. އެއީ ބޭނުންވާ ކޮންމެ ކުއްޖަކަށް ދިނުމަށް މިހާރު ނިންމައިގެން ކުރިއަށްދާއިރު ވެސް ޔަގީނުންވެސް 1000 ކުދިންނެއް މި ޕްރޮގްރާމުތެރޭ ނުވެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހާ ބޮޑު ގައުމީ ޕްރޮގްރާމެއްގެ ދަށުން ހުރިހާ ދަރިވަރުންނަށް ނާސްތާ ދޭންވާނެ ކަމަށް ގާނޫނުގައި ވެސް ލިޔެފައި، ބޭނުން ކުދިންނަށް ދިނުމަށް ވަޔަލޭޝަނެއް ހެދުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ދައުލަތަށް ކަމެއް ލާޒިމްކޮށްފަ ދެން ބުނެގެން ނުވާނެ ނޫނެކޭ ބޭނުމިއްޔާއޭ މިކަން ކޮށްދެވޭނީ. އެގޮތަކަށް ނޫން ގާނޫނުތައް ހުންނަންވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން 2019 ވަނަ އަހަރު ފެށި ނާސްތާ ޕްރޮގްރާމް އެ ވެރިކަމުގެ މެދެއްހާ ހިސާބުން ހުއްޓުމަކަށް ވެސް އައެވެ. އޭގެ ފަހުން ނާސްތާ ދޭން ފެށީ ކޮންމެހެން ބޭނުންވާ ކުދިންނަށެވެ.