އައިޖީއެމްއެޗް ކިޔޫ ކުޑަކުރަން ފިޔަވަޅު | ޑޮކްޓަރުން ބަލާ ގަޑި އިތުރު ކުރަން އާ ވިސްނުމެއް

ޑޮކްޓަރަށް ދައްކާ ކިޔޫ ދިގުވެގެން ގޮސް ހައްދުން ނައްތާލާފައިވާއިރު މި މައްސަލަ މިގޮތުގައި އޮންނަތާ 10 އަހަރު ވަނީ ވެފަ އެވެ، ނަމަވެސް މިއީ މިކަން ހައްލު ކުރަން ވިސްނުންތަކެއް ގެންގުޅޭ ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗްގައި ނަރުހުންތަކެއް މަަސައްކަތުގައި

މިހާރު ވާގޮތަކީ އައިޖީއެމްއެޗުގައި 10 ބަލި މީހުން ބަލާފައި ޑޮކްޓަރުން ދަނީ އަމިއްލަ ކްލިނިކް ތަކަށެވެ. މިހެންވުމުގެ ނަތީޖާއަކީ ޑޮކްޓަރަށް ދައްކަން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގައި އޮންނަ ކިޔޫ ކުޑަވާ ތަނެއް ނާދެ އެވެ، މިކަން މިގޮތުގައި އޮންނަތާ 10 އަހަރު ފާއިތުވެގެން ދިޔައިރު މިކަން ހައްލުކުރާނެ ގޮތެއް ނޭނގުނެވެ، ނަމަވެސް ސަރުކާރު މިވަނީ އައިޖީއެމްޗުގެ ކިޔޫ ކުޑަކޮށް ސްޕެޝަލައިޒް ޑޮކްޓަރުން ބަލާ ގަޑި އިތުރު ކުރަން މުހިންމު ނިންމު ތަކެއް ނިންމަން ތައްޔާރުވެފަ އެވެ. 

ރައީސް އޮފީހުގައި އިއްޔެ އާއި ރޭގެ ބައެއްގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗުގެ ކިޔޫ ކުޑަކުރަން ތިން ގޮތަކަށް މަސައްކަތް ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި ދިރާސާތަކެއް ކުރަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ. މިކަން ނިންމުމުގެ ކުރިން ޑޮކްޓަރުންނާއެކު ވެސް މަޝްވަރާ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެއް ކަމަކަށް އައިޖީއެމްއެޗުގައި ރަސްމީ އޯޕީޑީ ގަޑިތައް ނިމުނީމަ އޮފް ގަޑިތަކުގައި ރޭގަނޑު ސްޕެޝަލައިޒް އޯޕީޑީތަކެއް ހިންގާ ގޮތަށް. މިހާރު ވާގޮތަކީ ޕްރައިވެޓް ކްލިނިކްތަކަށް ގޮސް އަމިއްލަ ވިޔަފާރީގެ ގޮތުގައި މި ކުރަނީ. އޭރުން އައިޖީއެމްއެޗްގައި އެ ޑޮކްޓަރުން އައިސް ކްލިނިކް ހިންގާ ގޮތަށް. އެ މަޝްވަރާތައް ފެށިފައިވަނީ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި މަސައްކަތްތަކާއެކު މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ވަރަށް ބޮޑުތަނުން ޑޮކްޓަރަށް ދައްކާ ކިޔޫ ކުޑަ ވެގެންދާނެ ކަަށެވެ. 

"ދެވަނަ ކަމަމަށް ޕްރައިވެޓް ސެކްޓަށް ދަނީ ލިބޭ އެއްޗެއް ބޮޑުވުމުން. މިއީ ވަރަށް ކޮމްޕެޓިޓިވް މާކެޓެއް. އެހެންވީމަ މަޝްވަރާ ކުރަން އެއް ކަމަކީ ސާޖަރީސް އާއި އޮޕަރޭޝަންތަކުން އާމްދަނީ ލިބޭ. އެކަމަށްވެސް މަޝްވަރާ ކުރަން. އޭރުން އައިޖީއެމްޗުގައި އޯޕީޑީ ހިންގަންވެސް ސާޖަރީ ހަދަންވެސް ތިބޭނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --

ސާދަ ގަޑިއިރަށް ދެމިގެން ދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި މަގުސަދަކީ ދިވެހި ޑޮކްޓަރުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނައުން ކަމަށާ އެއާއެކު ބޭނުންވާ ޑޮކްޓަރުން ބޭނުން ގެންނާނެ އެވެ. 

"ކިޔަވަން ފޮނުވަން ޖެހޭ ދާއިރާތައް ވެސް އެބަހުރި. އެކަމަށްޓަކައި ބައިލެޓްރަލް އެއްބަސްވުންތަކާއެކު ވެސް އެބަ ވޯކް ކުރެވޭ. ބޭރުގެ އެކ ހޮސްޕިޓަލްތަކަށް ކިޔަވަން،" ރައީސް ވިދާޅުވި އެވެ. 

ސަރުކާރުން މި މައްސަލައަށް ގެންގުޅޭ ވިސްނުން

  •  ރަސްމީ އޯޕީޑީ ނިމުމަށްފަހު ހާއްސަ އޯޕީޑީތަކެއް ޑޮކްޓަރުންނަށް ދިނުން
  •  ސާޖަރީ ފަދަ ހިދުމަތްތަކުން ޑޮކްޓަރުންނަށް އިތުރު އާމްދަނީއެއް ދިނުން
  •  އިތުުރު ޑޮކްޓަރުން ހާއްސަވާން ބޭރަށް ފޮނުވުން
  •  މަދުވާ ދާއިރާތަކަށް އިތުރު ޑޮކްޓަރުން ގެނައުން

ދިވެހި ޑޮކްޓަރުން މަސައްކަތަށް ނެރުން އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ޑޮކްޓަރުކަން ކިޔަވައިގެން އައިސް މަސައްަކަތުގެ ތަޖުރިބާގެ ގަޑި ހަމަކުރަން އައިޖީއެމްއެޗުގެ އިތުރުން އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ވެސް ފުރުސަތު ދޭން ނިންމާފަ އެވެ. މި ނިންމުމާއެކު އަހަރަކު އިތުރު 13 ޑޮކްޓަރުން މަސައްކަތްތަކަށް ނުކުންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.