އެ އަދަދުތައް ބަޖެޓުން ސަލާމަތް ކުރާނީ، ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ، ޕްރޮފިޓް މާޖިން ކުޑަކޮށް ހަވާލުކޮށްގެން ކަމަށް ރައީސް ވިދާޅުވި.
ސަރުކާރުން އަމަލުކުރަން ފަށާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާގައި ހިމަނާފައިވާ ބައެއް ފިޔަވަޅުތައް ނާޅާން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އެ އިސްލާހީ އެޖެންޑާގެ ދަށުން، ސަބްސިޑީ އާއި ޕެންޝަން އަދި އާސަންދަ ދިނުމުގެ ޒަމާންވީ ނިޒާމަށް ބަދަލުކުރަން ސަރުކާރުން އޮތީ ނިންމައި، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނައިފަ އެވެ.
އެ ފިޔަވަޅުތައް އަދިވެސް އަޅާފައިނުވާތީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް މިހާރު ނާޅާން ނިންމާފައިވާ ކަން ހާމަކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، އާސަންދައިގެ ނިޒާމުގެ ތެރެއިން ވަމުންދާ އިސްރާފުތައް ހައްލުކޮށް، ބޭހަށް ކުރާ ހޭދަ ކުޑަކުރުން ފަދަ، ސަރުކާރުން އަޅަން ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު ދެން ހުރި ކަންކަމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ފިޔަވަޅުތަކުގެ ބަދަލުގައި، އެ އަދަދުތައް ބަޖެޓުން ސަލާމަތް ކުރާނީ، ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ، ޕްރޮފިޓް މާޖިން ކުޑަކޮށް ހަވާލުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ބަނދަރެއް ހަދަންޏާ ޖަހާފާނެ، ޕްރޮފިޓަށް ލާންވާ ބައި ލާފަ މިސާލަކަށް 50 މިލިއަން. އެކަމަކު އަޅުގަނޑުމެން އެޓް ކޮސްޓުގަ ނޫނީ ނިޔާލީ އެޓްކޮސްޓްގަ ހިންގައިގެން އެބަ ސަލާމަތް ކުރެވޭ 15 ނޫނީ 20 މިލިއަން ރުފިޔާ،" ރައީސް ތަފްސީލުކޮށް ދެއްވި އެވެ.
މީގެ އިތުރުން، އެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ތަކެތި އެސްޓީއޯ މެދުވެރިކޮށް ބަލްކުކޮށް ގެންނަން ނިންމާފައިވާ ކަމަށާއި އެ ކަމުން ވެސް ހަރަދުން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ބެލެންސް ގެނެވޭ އެބަ. ކޮންމެހެން ރައްޔިތުންނަށް ދޭ އެއްޗެއް އުނިކޮށްލުމުގެ ބަދަލުގައި މި ހިންގަން ހުރި މަޝްރޫއުތަކުގެ ތެރެއިން އަޅުގަނޑުމެން އާ މޮޑެލްގެ ތެރެއިން މަޝްރޫއު ހިންގައިގެން އެ ބައި ސަލާމަތް ކުރާނީ. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ،" ރައީސް ވިދާޅުވި އެވެ.