އާރަށަށް ގިނައިން ދަނީ ފުޓުބޯޅަ ކުޅެން، އެރަށަށް ދާން މިހާތަނަށް ހަރަދުވީ 844635 ރުފިޔާ: ރައީސް

"ކުޅިވަރު ކުޅެލަންވެގެން ދަނީ. ހެލްދީކޮށް ހުރުމަކީ، ކަސްރަތު ކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މީގެ ކުރިން ދ. މީދޫގައި ފުޓްސަލް ކުޅުއްވަނީ --

އާރަށަށް ގިނައިން ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅެން ކަމަށާއި، ވަގުތުވާނަމަ ހަފްތާއަކު ތިން ދުވަހު އެރަށަށް ވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާރަށަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައަޅާފައި އޮންނަ ރަށެކެވެ. ރައީސް މުއިއްޒުގެ ދެކަނބަލުންނާއި އެމަނިކުފާނުގެ އާއިލާ ވަރަށް ކައިރި ކައިރިން އާރަށަށް ވަޑައިގެން، ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ބޮޑަށް ފުޓުބޯޅަ ކުޅޭހިތްވާ ބޭފުޅެއް ކަމަށެވެ. އެރަށުގައި ވަރަށް ރަގަޅު ފުޓްސަލް ދަނޑެއް އޮންނަކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ދަނޑުތަކުގައި ކުޅުއްވަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"ކުޅިވަރު ކުޅެލަންވެގެން ދަނީ. ހެލްދީކޮށް ހުރުމަކީ، ކަސްރަތު ކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ވަގުތު ލިބޭނަމަ ހަފްތާއަކު މަދުވެގެން ތިން ފަހަރު، އެމަނިކުފާނާއެކު ކުޅޭ ބޭފުޅުންނާއެކު ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ކުޅެން ވަޑައިގަންނަވާ ދުވަސް ދުވަހު އެރަށުގައި ގާތްގަނޑަކަށް ތިން ގަޑިއެއްހާ އިރު ހޭދަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނާއެކު ދަނީ ކޮން ބައެއް ކަމެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

ރަށު ތެރޭގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ވަނީ ނަންބަރުން މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އާރަށަށް 116 ވަޑައިގަންނަވާފައިވާ ކަމަށާއި އޭގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓްބޯޅަ ކުޅެން ކަމަށް ވިދާޅުވި އެވެ. ކުޅުން ފިޔަވައި އާއިލާއާއެކު އެރަށަށް ވަޑައިގަންނަވާފައި ވަނީ 31 ފަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލޯންޗު ދަންޏާ ދާނެ އިތުރު ދެ ސެކިއުރިޓީ ލޯންޗު، އެ ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް ތިން ލޯންޗުގެ ތެޔޮ މިއަދާ ހަމައަށް ހަރަދުވެފަ ވަނީ 844635 ރުފިޔާ. އެހެންވީމަ އެއީ 116 ދަތުރަށް ބަލާއިރު ކުރެވިފަ ހަރަދު،" ރައީސް ވިދާޅުވި އެވެ.

ރައީސްއާ ގުޅުވައި ދައްކަމުންދާ ބައެއް އިތުރު ކަންކަމަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މުލިއާގޭގައި ކެއުމަށް ބޮޑު ހަރަދެއް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ މިދިޔަ އަހަރު އެއްކޮށް މުލިއާގޭ ކެއުމަށް ހަރަދުވެފައި ވަނީ 565703 ރުފިޔާ ކަމަށެވެ. އަދި މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހަރަދުވީ 175564.17 ކަމަށެވެ. އާރަށަށް ދިޔަ ނަމަވެސް ކެއުން ހަމަޖެހެނީ އެ ބަޖެޓުން ކަމަށްވާތީ، އެރަށުގެ ކެއުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއާ ގުޅުވައި ތަފާތު ގިނަ ދޮގު ވާހަކަތައް ފަތުރާތީ ރައީސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.