ބަޖެޓުން ތަފާތު މަންޒަރެއް | ރިކަރަންޓު ހަރަދު ދަށްކޮށް، ޖުމްލަ ހަރަދު ދަށަށް

މި އަހަރުގެ މިހާތަނަށް ރިކަރަންޓް 9.9 ބިލިއަން ރުފިޔާ އިން 9.6 ބިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓް ފޮތް

މި އަހަރު ފެށުނުއިރު ބަޖެޓުން އެންމެ ބޮޑަށް ފާހަގަވީ ހަރަދު މަތިވަމުން ދިޔަ ތަނެވެ. ނަމަވެސް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާއެކު މިހާރު ބަޖެޓުން ފެންނަން ފަށާފައިވާ މަންޒަރަކީ ރިކަރަންޓު ހަރަދުވެސް ހިމެނޭހެން ޖުމްލަ ހަރަދު ދަށްވެގެންދާ ތަނެވެ. 

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ހަފުތާގެ މާލީ ހިސާބު ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުގެ ހަރަދު ހުރީ 14,8 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވަނީ 13,6 ބިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 8.4 ޕަސެންޓުގެ ހަރަދު ދަށްވުމެކެވެ. 

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިންގަން ކުރި ހަރަދުތައްވެސް ވަނީ ދަށްވެފަ އެވެ. މިގޮތުން ރިކަރަންޓް ހަރަދަށް މިދިޔަ އަހަރު 9.9 ބިލިއަން ރުފިޔާ ހަރަދު ކުރިނަމަވެސް މި އަހަރު މި އަދަދު ހުރީ 9.6 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓު ހަރަދުގެ ޖުމްލަ ދަށްވިނަމަވެސް މުސާރަ އާއި ޕެންޝަން އަދި އިނާޔަތް ދޭން ކުރި ހަރަދު ވަނީ މަތިވެފަ އެވެ. މިދިޔަ އަހަރު މި ބަޔަކަށް 3.3 ބިލިއަން ހަރަދުވިނަމަވެސް މި އަހަރު މި އަދަދު ހުރީ 3.7 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އެޑްމިން އެކްސްޕެންސަސް ތަކަށް ކުރި ހަރަދު ވަނީ 6.5 ބިލިއަން ރުފިޔާއިން 5.9 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ. 

މި މުއްދަތަށް ބަލާއިރު އެންމެ ބޮޑަށް ދަށްވެފައިވަނީ ކެޕިޓަލް ހަރަދު ތަކެވެ. މި މުއްދަތުގައި ކެޕިޓަލް ހަރަދު ވަނީ 3.2 ބިލިއަން ރުފިޔާ އިން 804 މިލިއަން ރުފިޔާ އަށް ދަށްކޮށްފަ އެވެ. 

ބަޖެޓުން ހަރަދު ކުޑަކުރުމުގެ މި ބަދަލު ފެންނައިރު މި އަހަރުގެ މިހާތަނަށް ލޯނު ދަށްކަން ކުރި އަހަރު ވަނީ 2,472.8 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 931.9 މިލިއަން ރުފިޔާގަ އެވެ. މި ލޯނުގެ ތެރޭގައި މިދިޔަ ސަރުކާރުން ތިން އަހަރު ދުވަހުން ދައްކަން ހަތް ޕަސެންޓަށްވުރެ ބޮޑު އިންޓްރެސްޓެއްގައި ނެގި 100 މިލިއަން ޑޮލަރުގެ ލޯނަކާއި އިތުރު ލޯނުތަކެއްވެސް ހިމެނެ އެވެ. މި ލޯނުތައް ދައްކާފައިވަނީ ރިޒާވް އިތުރުކޮށްގެން ލިބުނު ބޭރު ފައިސާއިންނެވެ. 

ހަރަދު ކުޑަވަމުންދާއިރު  އަހަރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 ޕަސެންޓް އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުން ދައްކާ ގޮތުގައި މިއާއެކު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެއްޖެ އެވެ. ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.