މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭނެ އެވެ. މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ހިދުމަތުގައި ބައިވެރިވާން ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭނެ އެވެ. މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
ރައީސް އޮފީހުން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއް ކަމަށާއި، އެ ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަޔެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ބަޔެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އަދި، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައި ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމް ރައީސް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގަ އެވެ. އެމަނިކުފާނު އެރޭ ވިދާޅުވެފައި ވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި އަހުލާގު ރަނގަޅު، ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށެވެ.