މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އުޖޫރަ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިގްތިސޯދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި، ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭ ކަމަށެވެ.
ރައީސްގެ ހިތޯބުގައި ބެލެނިވެރިންނަށް ވެސް ހާއްސަ މެސެޖެއް ދެއްވާފައިވެ އެވެ. ވިދާޅުވީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން. އަދި، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީވެސް މަސައްކަތްތެރީން. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ދުވަހެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށާއި، އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު އޮންނާނެ ކަމަށެވެ.
"ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ހަގީގަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ހަލާލް ރިޒްގު ހޯދުމަކީ ސަވާބު ލިބެނިވި އަޅުކަމެއް ކަން. އަދި ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނޭ ކަން،" ރައީސް ވިދާޅުވި އެވެ.