މަސްވެރިން މާލީ ނިޒާމަށް | ދެން އުފެދެނީ މާލީ ބާރުވެރި އާ ވަޒީފާތަކެއް

މަސްވެރިންނަށް ކުރިން ލިބޭ ފައިސާ ދެނީ އަތަށެވެ. އަދި ބޭންކްއަށް ލިޔަސް އެއީ ދައުލަތް ދަންނަ ކަމެއް ނޫނެވެ. އެކަމަކު މަސްވެރިންގެ ދަފުރަރާއެކު މާލި ނިޒާމުން ވަސީލަތް ލިބުމުގެ މަގު ފަހިވާނެ އެވެ. މިއީ ދެން ފެންނާނެ އެންމެ ބޮޑު ބަދަލެވެ.

ދޯންޏެއްގައި މީހަކު ފަރުމަހުގެ މަސްވެރިކަން ކުރަނީ -- މަސްވެރިން

މީގެ ހައެއްކަ މަސް ކުރިން ފާނަ މަސްވެރިކަމުގައި އުޅޭ މީހަކާ ދިމާވި އެވެ. އެ ދުވަހު އޭނާ މާލެ އައިސް އުޅުނީ ދޯނީގެ ޕަންޕެއް ހަލާކު ވެގެން އެ ގަންނާށެވެ. އޭނާގެ ޝަކުވާއަކީ ޕަންޕެއް ގަންނަން ވިޔަސް އަތުގައި ހުރި ހުރިހާ ފައިސާއެއް އެއްކޮށް ދީފައި ނޫނީ މަސްވެރިންނަށް އެއްޗެއް ހޯދޭނެ ނިޒާމެއްގެ ތެރޭގައި މަސްވެރިން ނެތުމެވެ. މަސްވެރިކަމަށ ހަރު މުދަލެއް ގަންނަން ޖެހުނަސް ނޫނީ ގޭގެ ކޮޓަރިއެއް އަޅަން ބޭނުންވިޔަސް މަސްވެރިނަށް އެކަން ވާނެ ގޮތެއް ނޯވެ އެވެ. ރާއްޖޭގެ އެންމެ ގިނަ ދިވެހި މަސައްކަތްތެރިން ތިބި މަސްވެރިކަމުގެ ދާއިރާ މިހާތަނަށް އޮތީ ދައުލަތުގެ މާލީ ނިޒާމު ދަންނަ ބައެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ސަރުކާރުން މަސްވެރިން ދަފުތަރުކޮށް ދައުލަތް ދަނަން ބަޔަކަށް ހެދުމާއެކު މާގިނަ ދުވަހެއް ނުވެ މަސްވެރިންނަކީ ރާއްޖޭގެ ބޭންކިން ނިޒާމުން ފުރުސަތު އޮތް ބަޔަކަށް ވެގެން މިވަނީ ގޮސްފަ އެވެ. މިކަމުގެ ފެށުން އައިސްފައި މިވަނި މިދިޔަ ހަފުތާގައި ގައުމީ ބޭންކްއާއެކު މަސްވެރިކަމުގެ މިނިސްޓްރީން ކުރި ސޮޔާ ހަމައިންނެވެ. މިއީ ރާއްޖޭގެ މަސައްކަތްތެރިންނަށް މިހާތަނަށް ލިބިގެން ދިޔަ އެންމެ ބޮޑު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. މިހެން ބުނަން ޖެހޭ ސަބަބުތައް ގިނަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު މި ސިނާއަތަކީ އެހެން ދާއިރާތަކާ ހިލާފަށް ދިިވެހި އާއިލާތަކަށް މަންފާ އެންމެ ބޮޑަށް ލިބޭ އެއް ދާއިރާ އެވެ.

މަސްވެރިކަމުގެ ތަޖުރިބާކާރުންގެ ނަޒަރުގައި ސަރުކާރުން މިހާރު ގެންދާ ގޮތަށް މި ނިޒާމު ގެންގޮސްފިނަމަ މަސްވެރިކަމަކީ ވަރުގަދަ ވަޒީފާ އަކަށް ވެގެން ދާނެ އެވެ. އޭރުން ކަމެއްވާއިރަށް މިހާރު ގާއިމްވެފައިވާ ސިސްޓްމާއެކު މި ބަދަލު އަންނާނެކަން ޔަގީނެވެ. ސަބަބަކީ މިހާރު ދޯންޏަކަށް ފަޅުވެރިއެއް އެރުމާއެކު އެ ފަޅުވެރިއަކީ ސްޓާފް އައިޑީއެއް އޮތް ސެލެރީ ކޯޑުން މުސާރަ ދެވޭ މުވައްޒަފަކަށް ހަދަން ފުރުސަތު އޮތުމެވެ. މިއީ މަސްވެރިކަން ރަސްމީ ވަޒީފާ އަކަށް ބަދަލުވުމެވެ. މަސްވެރިންނަކީ ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ލޭބަލްވުމުގެ ކޮޅު މައްޗެވެ. 

"ކުރިން މަސް ކިރުވާފަ ފައިސާ ދެނީ އަތަށް. މިހެންވުމުން އިސްލާމިކް ފައިނޭންސް ފަދަ ވަސީލަތެއް ވެސް ނެގޭނެ ގޮތެއް ނޯވެ. އޮޑިވެރި އާއަށް ވެސް މާލީ ގޮތުން މަންފާ ލިބޭނެ ވަސީލަތެއް ނޯވެ. ލޯނެއް ދޭނެ ގޮތެއް ނޯވެ. ހަރުނެއް ގަބޫލެއް ނުކުރެ ނަމަވެސް މިހާރު މި ހުޅުވިގެން ދަނީ މުޅިން އާ ދޮރެއް މަސްވެރިންނަށް. ހަ މަސް ދުވަހު އެކައުންޓް އޮޕަރޭޓްކޮށްލާފަ ފައިސާ ވަންނަ ވަރުން ލޯނު ލިބޭނެ،"  

ގައުމީ ދަފުތަރަށް މަސްވެރިން ހޭލުންތެރި ކުރުވަން ޖެހޭ

ރާއްޖޭގައި ރަސްމީކޮށް ކުރަނީ ތިން ބާވަތެއްގެ މަސްވެރިކަމެވެ. އެއީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަ މަހުގެ މަސްވެރިކަން އަދި ފާނަ މަސްވެރިކަމެވެ. މި މަސްވެރިކަމުގައި 480 އޮޑި ހަރަކާތްތެރިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މީގެ ދޯންޏެއްގައި 15 ދިވެހިން މަސައްކަތް ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިގޮތުން ބަލާނަމަ މިއީ 7200 ދިވެހިންނެވެ. މި އާއިލާތައް ތިބީ ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ. 

ރައީސް ޑރ. މުއިއްޒު އާއި ބީއެމްއެލްގެ ސީއީއޯ ޝަރީފު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވަނީ -- ބީއެމްއެލް

މި މަސްވެރިން، މާލީ ނިޒާމަށް ފައްކާ ވެގެން ދިއުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ބަދަލެއް އައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިކަން ބިނާ ވެގެން ދާނީ ސަރުކާރުން މިކަން ކުރިއަށް ގެންދާ ގޮތުންނެވެ. ސަބަބަކީ ދަފުތަރު އެކުލަވާލިތާ ދޮޅު އަހަރު ވެގެން ދިޔައިރު އަދި ބޭންކްއަކާއެކު ސޮޔެއް ކުރުމާހަމަައަށް ދިއުމަކީ މި މަސައްކަތުގެ ދުވެލި ގެންނަން ޖެހޭ ގޮތެއް ނޫނެވެ. މިކަމަކީ މަސްވެރިން ހޭލުންތެރިކުރުވައި އަވަހަށް ކުރަން ޖެހޭ ކަމެކެވެ. 

ކުރީގެ ބޯދާ ވިސްނުމާ އަވަހަށް ދުރުވާންވީ ވަގުތަކީ މި ޖެހުނީ އެވެ. އަބަދު މިފްކޯ ރަނގަޅުކޮށްގެން މަސްވެރިކަން ކުރިއެއް ނާރާނެ އެވެ. އަދި އަބަދު ދެކޮޅު ނުޖެހޭ އަގުގައި މަސް ގަނެގެން މަސްވެރިކަން ދާނީ ދަށެވެ. މަސްވެރިކަމުގެ މިނިސްޓްރީގެ ތެރޭގައި ސިޔާސީ މީހުން ވަޒީފާގައި ތިއްބަވާ ބޭފުޅުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވައި މި ދަފުތަރުގައި ހުރިހާ މަސްވެރިން ޖައްސަންވީ އެވެ. އެމީހުންނަށް ކިޔައިދޭންވީ އެވެ. 

މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލައި ސަރުކާރުން މިހާރު ވަނީ މަސްވެރިކަމުގައި ރަސްމީކޮށް ހަރަކާތްތެރިވާ އޮޑި ފަހަރުގެ 95 ޕަސެންޓް މި ދަފުތަރަށް ވައްދާފަ އެވެ. ބީއެމްއެލްއާއެކު މަސްވެރިކަމުގެ މިނިސްޓްރީން ކުރި ސޮޔާއެކު ދެން ފެނިގެން ދާނީ އެ މީހުންނަށް މާލީ ގޮތުން ލިބޭނެ މަންފާ ތަކެވެ. މަސްވެރިންނަށް ފައިނޭންސިން ވަސީލަތް ދޭން ފަށަން ގައުމީ ބޭންކުން ނެގި އިސްނެގުމަކީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ބައެކެވެ. މީގައި ރިސްކް އޮތް ނަމަވެސް އެ ބޭންކުގެ މި ނިންމުން އައިސްފައިވަނީ ގައުމީ ބޭންކްއެއްގެ ގޮތުން ނަގަން ޖެހޭ ގައުމީ ޒިންމާގެ ތެރޭންކަން ޔަގީނެވެ. 

މަސްވެރިންނަށް ބީއެމްއެލްއިން ލިބޭނެ މަންފާ

  •  ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަނެ މަރާމާތު ކުރެވޭނެ
  •  އިމާރާތްކުރުމަށް ބޭނުންވާ ލޯނު މިއަދުން ފެށިގެން ދޫކުރަން ފަށާނެ
  •  މަސްވެރިންގެ ފައިނޢޭންސިން / ލޯނުގައި ލުއިތަކެއް ހިމެނޭ
  •  މަސްވެރިންނަށް ރަހުނަކާ ނުލައި 300,000 ޕާސަނަލް ފައިނޭންސިންގް ނެގޭނެ

މަސްވެރިނަށް މި ލިބުނު ފުރުސަތާއެކު މަސްވެރި އާއިލާތަކަށް އަންނަ ކުރިއެރުމާއެކު މިއީ ޒުވާނުން ދޯނި ފަހަރަށް އަރަން ހުޅުވިގެން ދާނެ ދޮރަކަށްވާނެ އެވެ. ސަބަބަކީ މިހާރު މަސްވެރިންނަށް ބަރާބަރަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާ ކުރަމުން ދިއުމެވެ. 

ބީއެމްއެލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބަންދު ސަރުކާރު ބަންދުވިނަމަވެސް މަސްވެރިންގެ އެކައުންޓަށް ކިރުވާ މަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެންމެ ފަހުން ވެސް 56 ދޯންޏަކަށް 5.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

މިހާރުގެ މަސްވެރިކަމުގައި އެވްރެޖުކޮށް ދޯންޏެއްގެ ފަޅުވެރިއަކަށް ކޮންމެ ދެ ދުވަހަކުން އެންމެ މަދުވެގެން 2،000ރ. އާއި 3،000ރ ގެ އާމްދަނީއެއް ލިބޭނެ އެވެ. މިއީ މަސް ދުވަހަށް ބަލާނަމަ 40،000ރ. ގެ އާމްދަނީ އެކެވެ. މި ވަރަށް އާމްދަނީ ލިބޭނަމަ ބީއެމްއެލް އިން މަސްވެރިންނަށް އެންމެ ބޮޑެތި މާލީ ވަސީލަތްތައް ނެގުމުގެ މަގު ފަހިވާނެ އެވެ. އަދި މިކަމުގައި އެންމެ ހިތްހަމަ ޖެހުމެއް ލިބޭނެ ބަޔަކީ އޮޑިވެރިންނެވެ. އޮޑިވެރިން ދޯނީގެ އެއްޗެއް ބޭނުން ވިނަމަވެސް މިހާރު ލޯނެއް ނުވަތަ އިސްލާމިކް ފައިނޭންސުގެ ތެރެއިން މިކަން ކުރަން މަގު ފަހިވާނެ އެވެ. 

ބީއެމްއެލްއާއެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބޮޑުކަންނެލި ޔޫނިއަންގެ އިސްވެރިއަކު ގައުމީ ޕީއެސްއެމް އަށް ވިދާޅުވެފައިވާ ގޮތުގައި މި ބަދަލާއެކު ދޯނިތަކުން ފޭބި މަސްވެރިން އަލުން ދޯނިތަކަށް އެރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.  

ކަންނެލި މަސްވެރިންގެ ޖަމިއްޔާގެ އިސްވެރިން ރައީސް އޮފީހުގައި -- ރައީސް އޮފީސް

ބީއެމްއެލްއާއެކު ކުރި ސޮޔާއެކު އާއްމު އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްގޮތަށް މަސްވެރިންނަށް ވެސް ބީއެމްއެލް މޮބައިލް އެލުން ލޯނަށް އެޕްލައި ކުރެވޭނެ އެވެ. 

ބޭންކުން އެ ނެގީ ގައުމީ ބޭންކުގެ ޒިންމާ

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެ ބޭންކުން މައުލޫމާތު ނަގާނީ މަސްވެރިިންގެ ގައުމީ ދަފުތަރުން ކަމަށާ މިއީ ލިބިގެން ދިޔަ ބޮޑު ފަސޭހައެއް ކަމަށެވެ.

"މައުލޫމާތު ކަށަވަރު ކުރަން އަޅުގަނޑުމެން ރިޔާއަތް ކުރާނީ މަސްވެރިންގެ ގައުމީ ދަފުތަރަށް. މި ދަފުތަރުން [ބޭންކް] އަށް ލިބޭނެ މަސްވެރިޔާގެ ދަފުރަތު. މަސްވެރިޔާ މަސައްކަތް ކުރައްވާ ދޯނި. އުޅެފައިވާ މުއްދަތު އަދި ފައިސާ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު އެނގޭނެ،" ބަދުރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ބީއެމްއެލް އިން މި ވަސީލަތް މަސްވެރިނަނަށް ދޫކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތް ތަކެއް ވެސް ބޭންކުން ހަމަޖެހިގެންދާނެ އެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ބީއެމްއެލް

"ލޯނު / ފައިނޭސިން އަނބުރާ ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އޮތް ނަމަވެސް ރިޕޭމަންޓު މަސްވެރިކަމުގެ ލޯ ސީސަންގައި ހަމަޖެހިފައިވަނީ ކުޑަކޮށް. ހައި ސީޒަންގައި ބޮޑުވާނެ. މިހާރު 10،000ރ. އިން 300،000 ލުއި ލޯނަށް ހުށަހެޅޭނެ،" ބަދުރުއްދީން ވިދާޅުވި އެވެ.

ލޯނު / ފައިނޭސިން އަނބުރާ ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އޮތް ނަމަވެސް ރިޕޭމަންޓު މަސްވެރިކަމުގެ ލޯ ސީސަންގައި ހަމަޖެހިފައިވަނީ ކުޑަކޮށް. ހައި ސީޒަންގައި ބޮޑުވާނެ

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު ބަދުރު

ބީއެމްއެލްއާއެކު މި ވަގުތު މި ވަސީލަތް ލިބުނު ނަމަވެސް ކުރިމަގުގައި އެހެން ބޭންކްތައް ވެސް މަސްވެރިން ފަހަތުން ދުވަން ފަށާނެ އެވެ. ސަބަބަކީ މަސްވެރިންނަކީ ހަގީގަތުގައި ބޭންކިން ނިޒާމުގައި މިހާރު ވެސް ތިބެން ޖެހޭ ބަޔަކަށްވުމެވެ. އެމީހުންގެ މާލީ ގާބިލްކަން އެންމެން ދަނެކެވެ. އެކަމަކު މިހާތަނަށް ނޭނގި ގޮތީ ދައުލަތަށެވެ. މަސްވެރިންނަކީ ޓޫރިޒަމް ސިނާއަތެކޭ އެއްގޮތަށް ބޮޑު ސިނާއަތެކެވެ. އެ ސިނާއަތުގައި ވެސް މަސައްކަތް ކުރަނީ މުވައްޒަފުންނެވެ. މުސްތަގުބަލުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ތިބޭނީ ވެސް މުވައްޒަފުންނެވެ. އެގޮވީ ވެސް އެގޮތަށެވެ. މަސްވެރި ވަޒީފާގައި އުޅޭ މަސައްކަތްރިންގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.