ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

މި މައްސަލައިގައި ރައުދު ހައްޔަރުކޮށްފައި ވަނީ މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، މިމަހުގެ 24 ވަނަ ދުވަހު އެވެ.

ރައުދު މުހައްމަދު ޒިލާލް ދޫނިދޫއަށް ގެންދަނީ -- ފޮޓޯ: އެކްސް

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު މުހައްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ރައުދު ހައްޔަރުކޮށްފައި ވަނީ މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، މިމަހުގެ 24 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.

އެންމެ ފުރަތަމަ ރައުދު ބަންދު ކުރުމަށް ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުން، ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.

"އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހު، އޭގެ މާ ގިނައިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭންގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައިއޯ ބުނި،" ފުލުހުންނާ ހަވަލާދީ ރައުދު ބަންދު ކުރަން ނެރުނު އެ ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުންނާ ހަވާލާދީ އެ އަމުރުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތު އޭނާއާއެކު ހަރަކާތްތެރިވެފައިވާ ކަމަށާއި، ވެއްޓުނު ކަމަށް ބެލެވޭ ވަގުތަށްފަހު ޔުމްނު ހޯދަން އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ބަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ރައުދު ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނީ ރައުދު އެވެ. އޭނާ ވެއްޓުމަށްފަހު ގާތްގަނޑަކަށް 30 މިނެޓެއް ހާއިރު ޔުމްނު ހޯދަން އުޅުމަށްފަހު ރައުދު ވަނީ އެގެއިން ގޮސްފަ އެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.