ދަރިވަރުންނަށް ޖަވާބު ދިނުން އަވަސް ކުރަން ޕޯޓަލްއަކާ ކޯލް ސެންޓަރެއް އުފައްދަނީ

މިނިސްޓްރީގެ ސްކޮލަޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނަށާއި ހިލޭ ޑިގްރީ ސްކީމްގެ ފައިސާއާ ގުޅޭ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލް ސިޓީ ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި --

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބު ދިނުން އަވަސް ކުރުމަށް ޕޯޓަލްއަކާއި ކޯލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވަނީ ކީއްވެގެންތޯ ސާފުކުރެއްވުމަށް ހިތަދޫ މެދު ދާއިރާ އަހުމަދު އަޒާން މަރްޒޫގު ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައި ވަނީ ދަރިވަރުންގެ ފަރާތުން ފޮނުވާ އީމެއިލްތަކަށް މީގެ ކުރިން ގިނަވެގެން ހަތް ދުވަސް ތެރޭގައި ޖަވާބުދާރީ ވެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އަދި މިހާރު ލަސްވެގެން ތިން ދުވަސްތެރޭ ޖަވާބު ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

އިތުރަށް ޖަވާބުދާރީވުން އަވަސް ކުރުމުގެ ގޮތުން ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާ ޕޯސްޓައެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެ ޕޯޓަލްއަށް ހުރިހާ މައުލޫމާތެއް ބެލެހެއްޓޭވަރު ވާނެ ކަމަށް ވިދާޅުވި އެވެ. އޭރުން ދަރިވަރުންގެ ރިކުއެސްޓްރަކަށް ޖަވާބުދާރީވުން އަވަސްވެގެން ދާނެކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ ސްޓޫޑެންޓް ލޯނަށް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާ މަސް ކަމުން، އެދުވަސްވަރު މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބުރަ ވާނެ ކަމަށެވެ. އެ މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުގެ އެހެން އޮފީސްތަކުގެ މުވައްޒަފުންގެ އެހީތެރިކަމާއި އިންޓާނުންގެ މުވައްޒަފުން ނަގާކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓްރީގެ ސްކޮލަޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނަށާއި ހިލޭ ޑިގްރީ ސްކީމްގެ ފައިސާއާ ގުޅޭ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލް ސިޓީ ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ސްކީމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ލިބޭ އިންކުއަރީތައް އިތުރުވާ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަހަރާ މިދިޔަ އަހަރު ރޭވިފައިވާ ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ހަމަޖެއްސުމުން ދަރިވަރުންނާ ކުރަން ޖެހޭ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވި. އަދި ސޯޝަލް މީޑިއާގައާ އެހެނިހެން ޕްލެޓްފޯމްތަކުގައި ސަރުކާރުންނަށް ފައިސާ ނުދެވޭނެ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ގުޅިގެންނާއެކު، އަދި ފައިސާ ލިބުމުގެ ކަންކަން އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާކޮށް ދަރިވަރުންނަށް މައުލޫމާތު ދީފައި އޮންނަ މުއްދަތަށްވުރެ މާ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ކަންކަން ހަމަޖެހުމަށް އެދި އެކިއެކި ފަރާތްތަކުން ފޯނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލުކުރަމުން ދިއުމުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ، އެ ސެކްޝަންތަކުން ކުރަންޖެހިފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ކުރެވޭ އީމެއިލްތަކަށް ޖަވާބު ނުދެވޭކަން ފާހަގަކުރަން،" މަޖިލީހަށް މިނިސްޓަރު ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ދައިވަރުންނަށް ފައިސާ ދިނުމުގެ ކަންކަން ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން މި ފާއިތުވި އެއްވެސް އަހަރެއްގައި ދޫކުރެވިފައި ނުވާފަދައިން މިދިޔަ އަހަރު ވަނީ 1.2 މިލިއަނަށްވުރެ ގިނަ ފައިސާ، ދަރިވަރުންގެ ކޯސްފީ އާއި ދިރިއުޅުމުގެ ހަރަދާއި، އެހެނިހެން ކަންކަމަށް ސީދާ ދަރިވަރުންގެ ނަމުގައި ދޫކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.