ބަންޑާރަ ގޯތި ދޫކުރުމަކީ ދާއިމީގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ކުރިން ބުނެފައިވެ އެވެ. މިގޮތުން އެންމެފަހުން މި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް އެވެ،
ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގައި އެދިފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް މަޖިލީހުގައި މިނިސްޓަރު އެދިވައިޑައިގެންފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ހައުސިން މިނސްޓަރު މުއްތަލިބު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ބަންޑާރަ ގޯތި ދިނުމަކީ ރާއްޖެއަށް ހާއްސަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދޫކުރުން ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށް މަޖިލީހުގައި ދެންނެވި ކަމަަށެވެ. އެހެންކަމުން މި ކަމަކީ މަޖިލީހުގެ ތެރޭން ހައްލެއް ހޯދަން ޖެހޭކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.
"އިނގިރޭސި ބަހުން ދަންނަވާކަމަށްވާނަމަ ފްރީ ހޯލްޑުގެ ގޮތުގައި މި ބިން ދިނުމަކީ މި ރާއްޖެއަށް ދިރިއުޅުމަށްޓަކައި ދިނުމަކީ ވަރަށް ރާއްޖެއަށް ޚާއްސަ ކަމެއް. އެހެންވިމާ މިފަދަ ކަލްޗަރަލީ ވެސް އަދި ހިސްޓޮރިކަލީ ވެސް ރާއްޖެ އަށް މުހިއްމު ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލުކުރުމަކީ އެ ސިޔާސަތު ބަދަލުކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ކުރިން ބަންޑާރަ ގޯތި ދިންނަމަވެސް އާބާދީއާއެކު ބިމުގެ ދަތިކަން ގިނަ ރަށްރަށަށް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ ކުރީގެ ސަރުކާރުގެ ވަޒީރުން ވެސް ވަނީ ބަންޑާރަ ގޯތި ދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. މިގޮތުން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވެ އެވެ.