އަނަސްގެ މަރު: ތުހުމަތު އޮތް މީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކޮށްފައި ވަނީ މި މައްސަލަ ނިންމާތާ 14 ދުވަސްތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އޮތް މީހުން: އެމީހުން ބަންދު ކުރަން އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި --

މީގެ އަށް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމަން އެ މައްސަލަ ހައިކޯޓުގައި ސުޕްރީމް ކޯޓުން ތަހުވީލު ކޮށްފި އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފެބްރުއަރީ 25، 2024 ގަ އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު، އެމީހުން ބަންދު ކޮށްދިނުމުގެ އަމުރެއް ހޯދުމަށް ދައުލަތުން ވަނީ އެދިފަ އެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.

އެހެންވެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ ރަގަޅަށް ނޫން ކަމަށެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ ކުށް ސާބިތު ނުވާ މީހަކު ހައިކޯޓުން ބަންދު ކުރަން އަމުރުކުރާއިރު ބަލަން ޖެހޭ ކަންތައްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުރިތޯ އާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމާއި ބަންދުން ދޫކޮށްފިނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮތްތޯ އެވެ.

ފަނޑިޔާރު ވިދާޅުވީ މިކަންކަމަށް ރިއާޔަތް ކުރުމުގެ ކުރިން، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބު ވުމުގެ އިހުތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް އޮތްތޯ ހައިކޯޓުން ބަލާފައިވާ ކަމަށެވެ. އެއީ ގާނޫނުގައި ނެތް ހާލަތަކަށްވާއިރު، ގާނޫނުގައި ނެތް ކަމަކަށް ރިއާޔަތް ކުރުމަކީ އަދުލު އިންސާފަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ފުރަތަމަ ނިންމަން ޖެހޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ އެވެ. ހެކި ހުރެއްޖެނަމަ އެމީހަކު ބަންދު ކުރަން އަމުރު ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފަ އެވެ. ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކޮށްފައި ވަނީ މި މައްސަލަ ނިންމާތާ 14 ދުވަސްތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށެވެ.

ރައުޔު ތަފާތު ވި ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވެފައި ވަނީ ދަށު ކޯޓުގެ ހުކުމަށް ބަލާއިރު އަނަސް މަރާލުމުގައި ބައިވެރިވީ ދައުވާ ކޮށްފައިވާ މީހުންކަން އެނގޭނެ ގޮތެއް ނެތް ކަމަށެވެ. ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ގޮތުން ހައުކޯޓުން ގޮތެއް ނުނިންމާ ބަންދުގައި ބައިތިއްބަން ގޮތެއް ނުނިންމޭނެ ކަމަށް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.

ހައިކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ތުހުމަތުވާ މީހުން ބަންދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ އެވެ. އެގޮތުން، މިފަދަ އަމުރެއް ނެރެވޭނީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ހާލަތްތަކުގަ އާއި މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އަދި ތުހުމަތު ކުރެވޭ ފަރާތްތައް ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތް މައްސަލަތަކުގައިކަން ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.