މިއީ ރައީސް ޑރ؛ މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ މަސްވެރިކަމުގެ މުހިންމު ވައުދެކެވެ. މި ބަދަލާއެކު ދަފްތަރުގައި ތިބި މަސްވެރިންނަށް ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނާއި ކްރެޑިޓް ފެސިލިޓީތަކަށް ވާސިލްވުމުގެ ފުރުސަތު ލިބޭނެ އެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީކޮށް ފައިސާ ޖަމާ ކުރަމުންދާ މަސްވެރިންނަށް ބީއެމްއެލް އިން 300،000ރ. އާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގޭ ގޮތާއެކު މަސްވެރިން ބޭންކިން ނިޒާމުގެ މާލީ ވަސީލަތް ނެގޭނެ ގޮތް ހަދައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މަސްވެރިކަމުގެ ވައުދުގެ ތެރޭގައި ހިމެނޭ މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި
ބޭންކިން ކްރެޑިޓް ރޭޓިންގެ ތެރެއަށް ފެތޭގޮތަށް މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ހިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުސަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ ފައިނޭންސިން ދޫކުރުމަށް އެމްއޯޔޫއެއްގައި ބީއެމްއެލްއާއި މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ސިޔާމް އެވެ. އަދި ގައުމީ ބޭންކް ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އެވެ.
ބީއެމްއެލްގެ ސީއީއޯ / އެމްޑީ ޝަރީފު ވިދާޅުވީ މަސްވެރިންނަށް ތައާރަފުކުރި "ފިޝަރީޒް ފައިނޭންސިން" އާއެކު މަސްވެރިންނަށް މާލީ ވަސީލަތް ނެގުމުގެ ފުރުސަތު ފަހިވާނެ އެވެ.
"އެއްބަސްވުމުގެ މަގްސަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ،" ޝަރީފު ވިދާޅުވި އެވެ.
މި ބަދަލާއެކު މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގް ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލްވުމުގެ ފުރުސަތު މަސްވެރިންނަށް ލިބޭނެ އެވެ. މި އިންތިޒާމުގެ ދަށުން މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ. އަދި ފުރަތަމަ ފަހަރަށް މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީ އަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް
އެކުލަވާލެވޭނެ އެވެ.
މި ސޮޔާއެކު މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ، ޕާސަނަލް ފައިނޭންސިންގެ އިތުރުން ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހ،ު މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިން އަދި ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. މި އިތުރު ފުރުސަތުތަކުގެ ސަބަބުން މަސްވެރިންނަށް އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އަމިއްލަ ގެދޮރު ގަތުމާއި އިމާރާތްކުރުމުގެ ހުވަފެން ހަގީގަތް ހެދުމަށް މަގު ފަހިވާނެ އެވެ.