ރިޒާގެ ބައި އަނބުރާ ގެންދިއުމަށްފަހު އަލުން ކޯޓަށް ހުށަހެޅުމަށްފަހު އަލުން ދައުލަތުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް، ފައިލްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ދައުވާކޮށްފައި ވަނީ ކްރިކް ރިޒާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ރިޒާގެ ބައި އަނބުރާ ގެންދިއުމަށްފަހު އަލުން ކޯޓަށް ހުށަހެޅުމަށްފަހު އަލުން ދައުލަތުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ޔާމީންގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވަނީ ރިޒާގެ ބަޔަށް ވީ ގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ފުރަތަމަ އަނބުރާ ގެންދިޔައީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެއްކެއް ކަމަށްވާ އޯޑިއޯއެއް ތަހުލީލު ކުރުމަށް ކަމަށެވެ. ނަމަވެސް ދައުލަތުން ދިން އިރުޝާދާ އެއްގޮތަށް ފުލުހުންނަށް އެކަން ނުކުރެވޭތީ އެކަން އަނބުރާ ގެނެސް އަލުން ދައުވާ ކުރީ ކަމަށެވެ.
އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހު މައްސަލަތައް ރިވިއު ކުރުމަށް ޕީޖީ އޮފީހުން ހުޅުވާލުމުން ރިޒާގެ ފަރާތުން ރިވިއުކޮށްދިނުމަށް ހުށަހެޅިކަމަށް ޝަފީއު ފާހަގަކުރެއްވި އެވެ. މައްސަލަ ރިވިއު ކުރިއިރު މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ އެއީ ދައުލަތުގެ ފަރާތުން ކޯޓަށް "ޖަސްޓިފައި" ކޮށްދެވޭނެ ކަމަކަށް ނުވާތީ މައްސަލަ ފައިލް ކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މި މައްސަލައިގައި ހިމެނޭ ސަންގެ ދެ ކުންފުނިން ވެސް ވަކިން ޝަރީއަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާތީ އެގޮތަށް ނިންމާފައިވާކަން ވެސް ޝަފީއު ފާހަގަކުރެއްވި އެވެ.
ރިޒާގެ ބައި ފައިލް ކުރުމުން، އެ އޯޑިއޯ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ޔާމީންގެ ފަރާތްޕުޅުން މިއަދު ޝަރީއަތުގައި ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ އަލީ ނަދީމް ނިންމެވީ އެ ފުރުސަތު ނުދެއްވުމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.