"އެ ދެފަރާތް ނުލައި ކުރިއަށް ދާން ބޭނުންވަނީ. މަޖުބޫރުކޮށްގެން ހާޒިރު ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވި އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ހެކިބަސް ނުދޭން ނިންމައިފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.
ވަރަށް ގިނަ ދުވަސްތަކެއް ފަހުން މިއަދު މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށެވެ.
ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ދިފާއީ ދެ ހެއްކެއް ކަމަށްވާ ނަރީޝް އަދި ޝުއާއުﷲގެ ފަރާތުން ކޯޓަށް މެއިލްއެއް ކޮށްފައިވާ ކަމަށް އަޑުއެހުން ފައްޓަވަމުން ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. އެ މެއިލްގައި، އެ ދެ މީހުން ހެކިބަސް ދޭން އުޒުރުވެރިވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން ބޭނުންތޯ ގާޒީ ވަނީ ޔާމީންގެ އަރިހުން އައްސަވާފަ އެވެ. ނަމަވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތަށް ޔާމީންގެ ފަރާތްޕުޅުން ބޭނުން ނުވާތީ، މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ އެ ދެ ފަރާތުގެ ހެކިބަހާ ނުލާ ތޯ ގާޒީ އަނެއްކާ ވެސް އެއްސެވި އެވެ.
"އެ ދެފަރާތް ނުލައި ކުރިއަށް ދާން ބޭނުންވަނީ. މަޖުބޫރުކޮށްގެން ހާޒިރު ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނަގަން އޮތީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ ހެކިބަހެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
އެހެންކަމުން އަބްދުﷲ ރަޝީދުގެ އިތުރުން ޔާމީންގެ ފަރާތްޕުޅުން ދެން ހުށަހަޅުއްވާފައިވާ އަހުމަދު ކްރިކް ރިޒާގެ ހެކިބަސް ނެގުން އަންނަ މަހުގެ 26 އަށް ގާޒީ ވަނީ ބަދަލުކުރައްވާފަ އެވެ. އެއަށްފަހު މި މައްސަލައިގައި ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ. އެ އަޑުއެހުން ޖޫން 17 ގައި ބޭއްވުމަށްފަހު ހުލާސާ ބަޔާން އިއްވުން އޮންނާނީ ޖުލައި 20 ގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންއާ އެއްކޮޅަށް ހެކިބަސް ނުދޭން ނަރީޝް ނިންމަވާފައިވާއިރު، މީގެ ކުރިން ކުރިއަށް ގެންދިޔަ ވ. އާރަށު މައްސަލައިގައި އޭނާ ވަނީ އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދީފަ އެވެ. މި މައްސަލައިގައި ހެކިބަސް ނުދޭން ނިންމި ސަބަބެއް ކަމަށް ބެލެވެނީ މިހާރު އުފެދިފައިވާ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނާއެކު އޮތް ގުޅުން ހީނަރުވެފައިވާތީ ކަމަށް ބެލެވެ އެވެ.