"އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީ އެންމެން ހަމަހަމަ ވާނެ"

"އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެމީހާ ފޮރުވުމަށްޓަކައި ނުވަތަ އެމީހާއާ ދޭތެރޭ ތަފާތު ކުރުމަށް މިހާރު މި އެލިގޭޝަން އޮތް ގޮތަށް ކަވާ ކުރަނީއޭ ކިޔާ ސީރިއަސް ކޮންސާންސްތަކެއް އެބަހުރި ހާއްސަކޮށް ޒުވާން ކުދިންގެ މެދުގަ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންސާފުގެ ކުރިމަތީ އެންމެން ހަމަހަމަވާނެ ކަމަށާއި، މިއީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރާ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދަމު ހައްވާ ޔުމްނު، 21، ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާގައި ފުލުހުންނާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު އާންމުންގެ ބޮޑެތި ކަންބުޑުވުންތައް ފާޅުކޮށް އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މެލޭޝިއާއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓިވިއުއެއްގައި ރައީސް ވިދާޅުވީ އެ މައްސަލައިގައި އިންސާފު ގާއިމްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަން މިހާރު އެކުލަވާލާފައިވާ ކޮމިޝަނަށް ހުރިހާ ބާރެއް ލިބޭނެ ކަމަށާއި، ރާއްޖޭން ބޭރުގެ އެހީ ހޯދަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

"މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް. އިރާދަކުރެއްވިއްޔާ އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނަން. މިއަދާ ހަމައަށް އައިއިރު އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުގެ ހަމައެއް ނޫން، އަޅުގަނޑުގެ އުސޫލެއް ވެސް ނޫން ތަފާތު ކުރުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނިޔާވެރިވުމަކީ ވެސް އެމަނިކުފާނުގެ އުސޫލެއް ނޫން ކަމަށެވެ. މިހާދިސާގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންގުޅުއްވި އުސޫލަކީ ކަމުގެ ހަގީގަތް ހޯދައި އިންސާފު ގާއިމް ކުރުން ކަމަށެވެ.

"އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެމީހާ ފޮރުވުމަށްޓަކައި ނުވަތަ އެމީހާއާ ދޭތެރޭ ތަފާތު ކުރުމަށް މިހާރު މި އެލިގޭޝަން އޮތް ގޮތަށް ކަވާ ކުރަނީއޭ ކިޔާ ސީރިއަސް ކޮންސާންސްތަކެއް އެބަހުރި ހާއްސަކޮށް ޒުވާން ކުދިންގެ މެދުގަ،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އެއްސެވުމަކީ އެމަނިކުފާނަށް މުހިންމު ކަމެއް ކަމަށާއި، އެ މުޒާހަރާތައް ފެށިގެން އައީ ސީރިއަސް ކަންބިޑުވުންތަކެއް އޮވެގެންކަން ގަބޫލުފުޅު ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެއްވެސް ފަރާތަކުން ހަމަނުޖެހުން ނުހިންގުމަށާއި، ތަހުގީގަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒު އޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި އެރޭ ޔުމްނުއާއި ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި އިތުރު ބަޔަކު މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވާތީ އެވެ.

މި މައްސަލައިގައި ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނު ރައުދު މުހައްމަދު ޒަލީލް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މި ދެ ފަރާތަކީ ވެސް އެރޭ ޕާޓީގައި ބައިވެރިވި ދެމީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.