މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
ބުރުޒުމަގުގައި ހުންނަ ހ.. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޔުމްނު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އިރުޝާދުތަކެއް ދީފަ އެވެ.
މިގޮތުން، މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.
އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، އާންމުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް އަމަލުތައް ބެހެއްޓުމަށް ޕީޖީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނީ ރައުދު އެވެ. އޭނާ ވެއްޓުމަށްފަހު ގާތްގަނޑަކަށް 30 މިނެޓެއް ހާއިރު ޔުމްނު ހޯދަން އުޅުމަށްފަހު ރައުދު ވަނީ އެގެއިން ގޮސްފަ އެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އާއި ޔުމްނު އާ ދެމެދު، ޔުމްނު ވެއްޓުމުގެ ކުރިން ދެބަސްވުމެއް ހިނގި ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.