މަރުގެ އިންޒާރު ދިނުން ހުއްޓުވަން ސޯޝަލް މީޑިޔާ ކުންފުނިތަކާއެކު މަސައްކަތް ކުރަނީ

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާންމު އެކި ފަރާތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އާއިލާއަށް ވެސް މަރުގެ އިންޒާރު ދިނުން މިފަހުން އިތުރުވެފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހްސާން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސޯޝަލް މީޑިޔާގައި ފޮރުވިގެން ތިބެ، ކާކުކަން ނޭނގޭ އެކައުންޓުތަކުން މަރުގެ އިންޒާރު ދިނުން އިތުރުވެފައިވާކަން ފާހަގަކުރެވިގެން، އެ ކަން ހުއްޓުވަން ސޯޝަލް މީޑިޔާ ކުންފުނިތަކާ ވާހަކަ ދައްކައިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިހްސާން ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިޔާގައި ފޭކް އެކައުންޓުތައް ހަދައިގެން މީހުންނަށް މަރުގެ އިންޒާރު ދިނުން އަމަލުތައް ހިންގަމުންދާއިރު، އެކަން ހުއްޓުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

"ފޭކު އެކައުންތުތައް ހަދައިގެން މީހުންނަށް މަރުގެ އިންޒާރު ދިނުން މިއީ އާންމު ކަމަކަށް މަޑުމަޑުން އެބަވޭ، އަޅުގަނޑުމެން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ކަން ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދަން، އަދި މިފަދަ ސޯޝަލް މީޑިޔާ މެނޭޖުކުރައްވާ ނުވަތަ އޯނަޝިޕް އޮންނަ ކުންފުނިތަކާ ގުޅިގެން ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާންމު އެކި ފަރާތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އާއިލާއަށް ވެސް މަރުގެ އިންޒާރު ދިނުން މިފަހުން އިތުރުވެފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެއާ އެކު، އިހްސާން ވަނީ ފޭކް އެކައުންޓުތައް ހަދައިގެން އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވާ ކަމަކީ މިފަދަ މައްސަލައެއްގައި އަޅުގަނޑުމެން ބަލަމުން ގޮސް އެއީ ކާކުކަން އެނގޭ ދުވަހަކީ އެމީހަކާ ދޭތެރޭ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނެ ދުވަސް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.