"އަޅުގަނޑަކަށް ޔަގީން ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ ދައުރު އައިފަހުން މިހާރު އަޅާފަ ހުރި މެޝާސްތަކާއެކީ ލާހިކެއް ނޫން އެ ޑޭޓާ ބޭސް ނަގާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން އަޅާފައި ހުރި ރަގަޅު ފިޔަވަޅުތަކުގެ ސަބަބުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ޑޭޓާ ލީކުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހޯދިފައިވާ އެކިއެކި މައުލޫމާތުތަކަށް ބަލާއިރު 2014 އިން ފެށިގެން ސިޔާސީ އެކިއެކި ބޭނުންތަކަށް ޑީއެންއާރުގެ ޑޭޓާ ބޭނުން ކުރަމުންދާ ކަމަށެވެ.
ސިޔާސީ ފަރާތްތަކުން ސިސްޓަމްތައް ހަދައިގެން ޖަގަހަތަކުގައި ވެސް ބޭނުން ކުރަމުން ދިޔައީ ޑީއެންއާރް އިން ނަގާފައިވާ މައުލޫމާތުތަކާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެކަން ނުކުރެވޭނެހެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ޔަގީން ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ ދައުރު އައިފަހުން މިހާރު އަޅާފަ ހުރި މެޝާސްތަކާއެކީ ލާހިކެއް ނޫން އެ ޑޭޓާ ބޭސް ނަގާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޑީއެންއާރްގެ ޑޭޓާއާމެދު އޮތް ސައްހަ ކަމާމެދު މިހާރު އެއްވެސް ޝައްކެއް އެބައޮތްތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ކުއްޖަކު އުފަންވާ ހިސާބުން ފެށިގެން މަރުގެ ސެޓްފިކެޓާ ހަމައަށް އެކުއްޖެއްގެ މައުލޫމާތު ޑީއެންއާރުގެ ސިސްޓަމުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިން ރާއްޖޭގެ އާބާދީގައި ހިމެނިފައި، މިހާރު މަރުވެފައިވާ މީހުންގެ މައުލޫމާތު ވެސް އެ ސިސްޓަމުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"ޑީއެންއާރްގެ ޑޭޓާގެ ސައްހަކަމާމެދު އަޅުގަނޑަކަށް ނެތް އެއްވެސް ޝައްކެއް،" އޭނާ ވިދާޅުވި އެވެ.
ޑީއެންއާރާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެއީ މިއަހަރުގެ ޖެނުވަރީ މަސްތެރޭގައި ޕީއެންސީއަށް މީހުން އިތުރުކުރުމަށް ހިންގި ހަރަކާތުގެ ފޯމުތަކެއް ޑީއެންއާރް އޮފީސްތެރޭގައި ފުރި މައްސަލައާ ގުޅިގެންނެވެ. "ވަގު" ފޯމު ފުރައިގެން ޕާޓީތައް މީހުން ވެއްދި ކަމަށާއި، އެކަމަށް ޑީއެންއާރުގެ ޑޭޓާ ބޭސް ބޭނުން ކުރި ކަމަށް ދެކެވޭ ވަހަކަތަކަށް މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ދެކޮޅު ހައްދަވާފަ އެވެ.